އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ނުކުންނެވީ ތަޖުރިބާތަކާއެކުކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙު ވިދާޅުވީ، ރައްޔިތުންގެ ވޯޓުން 6 އިންތިޚާބެއް އެމަނިކުފާނު ކާމިޔާބު ކުރައްވާފައިވާނެ ކަމަށެވެ. އިންތިހާބު ކާމިޔާބުކޮށް، ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެނގިވަޑައިގަންނަވާ ކަމަށާއި، ބޮޑު ތަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ރައީސް ސޯލިޙު ވިދާޅުވި އެވެ.

ޕްރައިމަރީ ވެސް ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނަކީ ހަމައެކަނި ﷲ ގެ އަޅެއްކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. ހުރިހާ ކަމެއްވެސް ނިންމަވާނީ މަޝްވަރާގެ ދަށުން، އެންމެންގެ ވާހަކަވެސް އަޑުއައްސަވައިގެންކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2013 ވަނަ އަހަރު އެމްޑީޕީއަށް ލިބުނު ވޯޓާއެކު ވެސް އިންތިޚާބު ކާމިޔާބު ނުކުރެވުނީ ކޯލިޝަން ރަނގަޅު ބައިވެރިން ނެތުމުން ކަމަށާއި، މިއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.