ރާއްޖޭގައި އިލެކްޓްރޯނިކް ޕާސްޕޯޓު (އީ-ޕާސްޕޯޓު) ދޫކުރުމުގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވުމަށްފަހު، އަންނަ މަހުގެ ކުރީކޮޅު އެ ހިދުމަތް އަލުން ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރުވެއްޖެ އެވެ.

މި ހިދުމަތް މެދުކަނޑާލަން ޖެހުނީ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންވާ ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ގޮތުން އެ ހިދުމަތް ރަސްމީކޮށް މެދުކަނޑާލާފައިވަނީ މިދިޔަ މޭ މަހުގެ 8 ވަނަ ދުވަހު އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ އޯގަސްޓް މަހުގެ ކުރީކޮޅު އެ ތަކެތި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ސާމާނު ލިބުނުހާ އަވަހަކަށް އީ-ޕާސްޕޯޓުގެ ހިދުމަތް އާންމުކޮށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީ-ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑާލާފައި އޮތް މުއްދަތުގައި، ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ދޫކުރަމުން ދަނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ނުވަތަ މެޝިން ރީޑަބަލް ޕާސްޕޯޓެވެ. މިއީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރުގެ މުއްދަތަށް ދޫކުރާ ޕާސްޕޯޓެކެވެ.

އީ-ޕާސްޕޯޓަކީ އޭގައި ހިމެނޭ ސަލާމަތީ ޗިޕެއްގެ އެހީގައި، އެއާޕޯޓުތަކުގެ އީ-ގޭޓްތަކުން ފަސޭހަކަމާއެކު ދަތުރުވެރިންނަށް ޗެކިންވެވޭ ޒަމާނީ ޕާސްޕޯޓެކެވެ.