ނިއު ޔޯކް (19 ޖެނުއަރީ) - އދ.ގެ ސަލާމަތާ ބެހޭ މަޖިލީހުގައި އިޒްރޭލާއި ފަލަސްތީނުން އެއް ގައުމު އަނެއް ގައުމަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކޮށްފި އެވެ.

އިޒްރޭލުން އދ. އަށް ކަނައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ފަލަސްތީނުން އދ. ގެ އާއްމު މަޖިލީހަށް ހުޅަނގު އައްސޭރީގެ މައްސަލަ ހުށައެޅުމުން ސުލްހައަށް އޮތް ހަނި ފުރުސަތު ވެސް މިހާރު ބަންދުވެފައިވާ ކަމަށެވެ.

ރައްދުގައި ފަލަސްތީނުގެ ސަފީރު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި އެ ގައުމުގެ ގައުމިއްޔަތު ފުނޑާލަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

މިިިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ފަލަސްތީނުން ވަނީ ހުޅަނގު އައްސޭރީގެ މައްސަލާގައި އދ. ގެ އާއްމު މަޖިލީހުގެ މަޝްވަރާއަށް އެދިފަ އެވެ.

މި މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާން އދ. އިން ހުއްދަ ދިނުމާއެކު ފަލަސްތީނަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ.

ރައްދުގައި އިޒްރޭލުގެ ހަރުކަށި ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ހުޅަނގު އައްސޭރީގެ މައްސަލާގައި ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ކޯޅުން ކުރިއަށް ދާއިރު އދ. ގައި ވެސް އެ މައްސަލަ އަކީ ދިގު ދެމިގެން ގޮސްފައިވާ މައްސަލަ އެކެވެ. -- އަލް އަރަބިއްޔާ