ށ. އަތޮޅުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ށ. ނަލަންދޫ މިހާރު ހުއިފިލަނޑާ ދިރުވައި އާލާކުރުމުގެ މަސައްކަތަށް ކަނޑައަޅާފައި އޮތް އެ ރަށް ދޫކޮށްފައިވާ ފަރާތުން ނަގައި ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ށ. މިލަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.
ނަލަންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނަލަންދޫ މިހާރު ހަވާލުކޮށްފައިވާ ފަރާތުގެ އަތުން އެ ރަށް ހޯދުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި އެ މަސައްކަތް ކުރަނީ ގާނޫނާއި ގަވައިދުގައިވާ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ގާނޫނީ ގޮތުން އެކަމެއް ކުރަން އޮންނަ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ހެނދުނު ހޭލާ ގޮތަށް، ހަމަ ހިތަށް އަރާއިރަށް ދައުލަތުން އާންމު ރައްޔިތުންނާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާނުލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް އަމަލު ކުރުމުން ނިކުންނަ ނަތީޖާ ވަރަށް ހިތިކަން ކުރިއާއި މިހާރު ވެސް ތަހަންމަލްކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންތައް ކުރަމުުން މި ދަނީ ގާނޫނުގައި އޮންނަ ގޮތަށް، އޭގެ ތަރުތީބުން. ހަމަ ހިތަށް އެރީމާ ވަކި މީހަކަށް ވަކި ކަމެއް ހަވާލުކުރަނީކީ ނޫން. ހަމަ ހިތަށް އެރީމާ އެ ދުވަހު ކަމެއް ނިންމަނީކީ ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކޮށްފައި ހުރި، ގާނޫނާ ގަވައިދާ ޚިލާފު މިފަދަ ކަންތައްތަކުން މިސަރުކާރަށް އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. އެގޮތުން އެތައް މިލިއަން ރުފިޔާއަކުން ނޫނީ ޑޮލަރުން ބަދަލުދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އެރަށުގެ ރައްޔިތުންނަށްވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ނުފުއްދި ދެން އޮތީ ހޮސްޕިޓަލް ތަރައްގީކުރުމުގެ ވައުދު ކަމަށެވެ.
ހޮސްޕިޓަލުގެ މަސައްކަތް މިއަދު ޓެންޑާ ހުޅުވާލުން ކުރިއަށް ގެންގޮސްފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ސަރުކާރުން ކުރާ ކަންކަން ރަނގަޅަށް ބެލުމަށް ފަހު އެ ތަރައްގީ ކުރިއަށް ގެންދަން ވިސްނުން ބަހައްޓައިގެން ޕްރައިމަރީގައި ގޮތް ނިންމުމަށް އެދިވަޑައިގެންފަ އެވެ.
ބަނދަރުމަތީ އިދިކޮޅުގެ ސަޕޯޓަރުން ވެސް ވަނީ ބެނާއެއްގައި އެ ޝަކުވާ ލިޔެ ރައީސަށް ފެންނާނެ ގޮތް ހަދާފަ އެވެ.