ދިމިޝްގު (ޖެނުއަރީ 28) - ސީރިއާގެ ބަނޑުހައިހޫނުކަން ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައިދާނެ ކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. އިން އިންޒާރު ދީފި އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ސީރިއާގައި އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެގޮތުން 2.9 މިލިއަން މީހުން މިހާރުވެސް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު 12 މިލިއަން މީހުން މިފަދަ ހާލަތަކަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެރިޕޯޓުގައި ބުނެފައިވެ އެވެ.

މިއާއެކު އެގައުމުގެ އާބާދީގެ 70 ޕަސެންޓަކީ ރަނގަޅު ކާބޯތަކެތި ނުލިބި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ބަޔަކަށް ވާނެ އެވެ.

ސީރިއާއަކީ މުޅި ދުނިޔެއަށް ބަލާއިރު ކާނާގެ ރައްކާތެރިކަން އެންމެ ދަށް ހަވަނަ ގައުމެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެގައުމުގެ ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ސީރިއާ ހަނގުރާމައިގެ ސަބަބުން އެގައުމުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާއިރު ގިނަ ބަޔަކު ވަނީ އެންމެ އަސާސީ ހައްގުތަކުން ވެސް މަހުރޫމްވެފަ އެވެ. -- އަލް އަރަބިއްޔާ