މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކުން ކުނި ނެގުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮފީހެއް މިއަދު ހުޅުވައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށް ފަހު މޭޔަރު މުއިއްޒު ވިދާޅުވީ މިއަދު މި ހުޅުވުނު އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ހަވާލުވެ، އެ މަސައްކަތާ ގުޅޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަ ނެތުމާއެކީ، ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެތެ ރެއިން ހުޅުވި އޮފީހެއް ކަމަށެވެ.

"މިހާރު މަސައްކަތްކުރާ އިދާރީ އަދި މެނޭޖީރިއަލް ލެވެލްގެ ހުރިހާ ސްޓާފުންނަށް ރަނގަޅަށް މަސައްކަތް ކުރެވޭވަރުގެ ޖާގަ އެތަނުގައި ހަމަޖެހިފައިވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންގޮސް އެތައް އަހަރުތަކަކަށްފަހު މިހާރު އަނެއްކާ ވެސް މި މަސައްކަތް ފެށިފައިވާ ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ތާރީޚީދުވަހެއް. އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންދިޔައީ. ދެން އެއަށްފަހު އެތައް އަހަރެއް ގޮއްސަ މިހާރު މިގޮތަށް މި ހަމަޖެހިގެން ދިޔައީ،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މޭޔަރު ވިދާޅުވި އެވެ.

"މީގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް މާލެތެރެ ރީތިކޮށްސާފުކޮށް ބޭއްވުމުގެ މަސައްކަތް ރަނގަޅަށް ގެންދިއުން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ އާއްމު ހިދުމަތްތަކާ ބެހޭބައިގަ އެވެ.