ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިން ޓީމާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

މިބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މިބައްދަލުވުމުގައި، ރައީސް ވަނީ، ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުޞަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި ބީޗް ވޮލީއާ ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަގޮތެއްގައި ރައީސް ބަހައްޓަވާ އިސްކަން ފާހަގަކުރައްވައި، ބޮޑީބިލްޑިންގ އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް މިނިސްޓަރު މަހްލޫފު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމާއި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމާ ބައްދަލުކުރެއްވުމުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި، ވޮލީ ބޯލް އެސޯސިއޭޝަނުންނާއި، ބޮޑީބިލްޑިންގ އެސޯސިއޭޝަނުންވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ކުރިޔަށް އޮތް މުބާރާތްތަކާއި ގުޅޭ މައުލޫމާތުވެސް އެސޯސިއޭޝަންތަކުން ވަނީ ރައީސް ސޯލިހަށް ހިއްސާ ކުރައްވާފަ އެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފަ އެވެ. މިއީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.