ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިން ލޯބީގެ ގޮތުން ގުޅޭ ވާހަކަތަކަކީ އެތަރިންގެ ފޭނުން އެންމެ އަޑުއަހަން ބޭނުންވާ އެއް ވާހަކަތަކެވެ.

އެގޮތުން މިފަހުން އެންމެ ބޮޑަށް ފިލްމު އިންޑަސްޓްރީގައި ދެކެވޭ އެއް ވާހަކައަކީ، މަޝްހޫރު ދެތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި އަދިއްތިޔާ ރޯއި ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކެވެ.

ފޭނުންނަށް އެދެތަރިން ލޯބީގެ ގޮތުން އުޅިގެން އުޅޭކަމަށް ޝައްކު ކުރެވިފައިވަނީ، ކަރަން ޖޯހަރްގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގައި އޭނާ އެދެމީހުންނަށް ދިމާކުރުމުންނެވެ. އަދި އެއަށްފަހުވެސް ދެމީހުން އެކީގައި ކެއުންތަކަށް ގޮސް އުޅޭތަން އާންމުންނަށް ފެނިފައިވެ އެވެ.

މިކަމާއި ގުޅިގެން އެދެމީހުންނާއި ގުޅުން ހުރި މީހަކު ވަނީ މީޑިއާތަކަށް މައުލޫމާތުދީފަ އެވެ. އެގޮތުން އަދިއްތިޔާ އާއި އަނަންޔާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އޭނާ ހާމަކޮށްފައިވެ އެވެ. އަދި ވަރަށް އަވަހަށް އެދެތަރިންގެ ގުޅުން ރަސްމީކޮށް އާންމުންނާއި ހިއްސާކުރާނެކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

އަނަންޔާ އަކީ މަޝްހޫރު ފިލްމީ ތަރި ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅެވެ. ސްޓާރެއްގެ ދަރިއަކަށް ވުމުގެ ސަބަބުން އެކްޓުކުރުމުގެ ހުނަރެއް ނެތިވެސް އަނަންޔާ އަށް ފިލްމީ ކެރިއަރުގައި ކުރިއަރަން ފުރުސަތުދޭކަމަށް ބުނެ އާންމުން ފާޑުކިޔާފައިވެ އެވެ.

އެހެންނަމަވެސް އަނަންޔާއާ ހިލާފަށް އަދިއްތިޔާ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކޮށް، ކާމިޔާބީ ހާސިލްކޮށްފައިވަނީ އަމިއްލައަށް ކަމަށް މީޑިއާއިން ބުނެ އެވެ.