އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާ ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން ޖަވާބުދާރީވުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ.

އެގޮތުން ތޯރިގް ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމާއި ގުޅިގެން މިނިސްޓަރު އައިޝަތް އަލީ އާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރުމަށް އެދި ހުށަހަޅާފައިވާކަމަށް ވިދާޅުވެފަ އެވެ.

2022 ވަނަ އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ބަޔަކާއި ހަވާލު ކުރެވިފައިވާއިރު، އެ އިމާރާތުގެ ބިންގާ މިހާތަނަށް އެޅިފައި ނެތުމުން އަރަބިއްޔާގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއާއެކު މިނިސްޓަރު އާއިޝަތު މަޖިލީހަށް ހާޒިރުކުރައްވައި، ޖުމްލަ ތިން ސުވާލެއް ކުރައްވަން ނިންމަވާފައިވާކަން ތޯރިގް ވަނީ ހާމަކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރާއި ތޯރިގް ކުރާ ސުވާލުތައް:

އަރަބިއްޔާއަށް އަޅާ ސްކޫލުގެ ކޮންޓްރެކްޓްގެ އަގަކީ ކިހާވަރެއްތޯ؟

މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތަކީ ކޮބާތޯ؟

މިހާރު މަސައްކަތް ނިމިފައިވަނީ ކިހާ ވަރަކަށްތޯ އަދި ސްކޫލްގެ ބޭނުން ކުރަން ފެށޭނެ ދުވަހެއް އެނގިލައްވާތޯ؟

އަރަބިއްޔާ ސްކޫލުގެ 8 އަހަރު ވީ އިމާރާތުގެ މައްސަލަ ޖެހުނީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެހާ ކުރުމުއްދަތެއް ވީ އިމާރާތެއް އަވަހަށް ހަލާކުވުމަކީ ވެސް މައްސަލައެކެވެ.

އެ ސްކޫލްގެ އާ އިމާރާތް އަޅަނީ ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ތަނުގަ އެވެ. އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ނިންމައި، ސްކޫލްގެ ބިންގާ އެޅުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެ އެވެ.

އެ މަސައްކަތް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 18 މަސް ދުވަހުން ނިންމާ ގޮތަށް 168 މިލިއަން ރުފިޔާ އަށެވެ.