ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެނެވުނީތީ އެމްޑީޕީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު ތޯރިގު ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ސޯލިހަށް އިގްތިސޯދު އެނގިވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން އެމްޑީޕީގެ މެންބަރުން ވެސް މާފަށް އެދިވަޑައިގަންނަވަން ދިވެހި ރައްޔިތުންގެ ކައިރިން މިހާ ހަމަ ނުޖެހޭ ބޭފުޅަކު އިގްތިސޯދީ ކަންކަން މެނޭޖް ކުރަން ނޭނގޭ ބޭފުޅަކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ގެނެވުނީތީ. މީނަ ބާލަން އެބަޖެހޭ؟" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހަކީ ވިސްނުންފުޅު ތޫނު ހިކުުމަތްތެރި ބޭފުޅެއް ކަމަށް ހީކުރާ މީހުން ވެސް މިއަދު އެނޫން ގޮތެއް ހޯދުމަށް އިދިކޮޅާއި ގުޅިގެން ކޯލިޝަން ހެދުމަށް ގޮވާލާފައިވެ އެވެ. ތޯރިގް ވަނީ އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން، އިދިކޮޅު ޕީޕީއެމާ ގުޅުމަށް ވެސް ދައުވަތު ދެއްވާފަ އެވެ.