ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހޮއްވެވުމަކީ މި ޕާޓީން ގިންތީގެ ހަމަހަމަކަށް ދޭ އަހައްމިޔަތު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ހޮވިވަޑައިގަތް އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ނަހުލާއަކީ މި ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ވަޒީރެކެވެ. އަދި ނަހުލާއަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފުރަތަމަ ފަހަރަށް ހޮވިވަޑައިގަތް އަންހެން ޑެޕިއުޓީ ލީޑަރެވެ.
ޖޭޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ޑެޕިއުޓީ ލީޑަރެއް ހޮވުމަކީ މިޕާޓީން ގިންތީގެ ހަމަހަމަ ކަމަށް ދޭ އަހައްމިޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ނަހުލާ ވިދާޅުވީ ގައުމީ މަސައްކަތުގައި އަންހެނުންގެ ދައުރު މުހިންމުކަން ސާބިތުކޮށްދޭ ކަމަށާ ޖޭޕީގެ މި ފުރުސަތުން ގައުމުގައި އަންހެނުންނަށް ކަންކަން ކުރެވޭނެކަން ދައްކުވައިދޭނެ ކަމަށެވެ. އަދި މެމްބަރުން ތިޔަ ހަވާލުކުރީ ބޮޑު ޒިންމާއެއް ކަމަށާ ޒިމްމާ ދާރު ކަމާއިއެކު މަސްއޫލިއްޔަތު ފުރިހަމަ ކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ވާދަވެރި އިންތިހާބަކަށް ފަހު އެންމެންގެ މަސައްކަތަކަށް ވާންވާނީ އެއްރޫހެއްގައި މަސައްކަތް ކުރުން ކަމަށާ، އެންމެންގެ ހިޔާލާ މަޝްވަރާ ބައިވެރިކުރުން މުހިންމު ކަމަށެވެ. އަދި ސިޔާސީ ޕާޓީގެ ރައުސުލްމާލަކީ އާންމު މެމްބަރުން ކަމަށާ ޕާޓީގެ ކޮންމެ ނިންމުމެއްގަިއވެސް އެންމެންގެ ހިޔާލަ ފިކުރު އޮންނަން ވާނެކަމަށާ އާންމުންގެ ބަސް އެއީ މަތިން ތިރިއަސްވެސް ހިއްސާ ކުރެވެން ޖެހޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އަންހެނުންނަށް ފުރުސަތު ހޯދައިދީ ބާރުވެރި ކުރުވާން އަދި ސިޔާސީ ކަންކަމުގައި އަދި ގައުމީ ކަންކަމުގައި ވެސް އަންހެނުންގެ ބަހަކީ މުހިންމު އެއްޗެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް ފަސް ބޭފުޅުން ވަނީ އިންތިހާބުކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި ޖުމްހޫރީ ޕާޓީގެ ގައުމީ ހަތަރު ވަނަ ކޮންފަރެންސްގައި ކުރިއަށްދިޔަ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި 12 ބޭފުޅަކި ވަނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލާފަ އެވެ.
ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުން ތެރޭގައި މިހާރު ހިންގާ ސަރުކާރު ކޯލިޝަންގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ވާދަކުރެއްވި މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ތެރެއިން ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވީ ހަމައެކަނި ނަހުލާ އެވެ.