ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަކޮށްފައިވާ 1،000 ފްލެޓު ދޭން ނިންމާފައިވާ ގޮތް ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 2018 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން އެކި އިދާރާތަކަށް ފޮނުވާފައިވާ ދާއިމީ ލިސްޓްތަކުގައި ޖުމްލަ އެވޯޑް ކޮށްފައިވަނީ 987 ފްލެޓު ކަމަށެވެ. އަދި އޭރު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ފޯމުތައް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް ފޮނުވާފައި ވީނަމަވެސް، ފްލެޓް އެވޯޑްކުރުމަށްފަހު އެ ކައުންސިލަށް ދާއިމީ ލިސްޓު ފޮނުވާފައި ނުވާކަން އިއުލާނުގައި ވަނީ ފާހަގަކޮށްފައި އެވެ.
އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އެލޮކޭޝަންގައި، އޭރު ހައުސިން މިނިސްޓްރީން އެކި އިދާރާތަކަށް އެވޯޑްކޮށްފައިވާ ފްލެޓްތަކުގެ އިތުރުން، މިފަހަރު މާލޭ ސިޓީ ކައުންސިލަށް ހަތް ފްލެޓް އެލޮކޭޓް ކުރެވިފައިވާނެ ކަމަށް ބުންޏެވެ. އަދި މި ކެޓަގަރީއަށް ހާޢްސަކޮށްފައިވާ 1000 ފްލެޓްގެ ތެރެއިން ބާކީވާ ހަތް ފްލެޓް، ކުރިން އެކި އިދާރާތަކަށް ފްލެޓް އެވޯޑްކޮށްފައިވާ ނިސްބަތުން ބަހާލެވިފައިވާނެކަމަށް އިއުލާނުގައި އިތުރަށް ބުނެފައިވެ އެވެ.
މިނިސްޓްރީ އިން ބުނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އެލޮކޭޝަން، އެއްވެސް އިދާރާއަކަށް ކުރިން ފްލެޓް އެވޯޑްކުރެވިފައިވާ އަދަދަށްވުރެ މަދު ނުކުރާ ކަމަށެވެ.
މިއަދު ގެޒެޓްކުރި ލިސްޓުގައިވާ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓްތައް ކަނޑައެޅިއިރު ނިސްބަތުން އެންމެ ގިނަ ފްލެޓް ދީފައި 201 ފްލެޓާއެކު ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް 169 ފްލެޓް ކަނޑައަޅާފައިވާ އިރު ތިން ވަނަ އަށް އެންމެ ގިނަ ފްލެޓް ދިނީ ހައުސިން މިނިސްޓްރީ އަށެވެ. އެއީ، 141 ފްލެޓެވެ.
މިނިސްޓްރީތަކުގައި ފަންނީ އަދި މެނޭޖިރިއަލް އާއި އިދާރި އަދި ސަޕޯޓް ސާވިސް މުވައްޒަފުންނަށް ފްލެޓް ކަނޑައަޅާފައި ވަނީ އެކި އަދަދަށެވެ.
ފްލެޓް ކޮމެޓީން ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކުރި އެޗް4 ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ އެޗް5 ކެޓަގަރީ އާއި މާލެ ރައްޔިތުންނަށް ހާއްސަ އެޗް8 ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ހާއްސަ ކުރި އެޗް10 ކެޓަގަރީ އާއި މާލެ މުނިސިޕަލްޓީ ހާއްސަ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް ހާއްސަ އެޗް9 ކެޓަގަރީގެ އިތުރުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކުރި އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފަ އެވެ.
މިހާތަނަށް ވަގުތީ ލިސްޓް ނެރެފައި ނުވަނީ ހަމައެކަނި ސިވިލްސާވިސް މުވައްޒިފުންނަށް ހާއްސަ ކުރި ކެޓަގަރީގެ އެވެ.