ރައީސުލްޖުމްހޫރިއްޔާގެ ހުވާ ފައިސަލް ނަސީމް ކުރެއްވި މައްސަލައިގައި ރައީސް ކަމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިގަރާރު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގު އެވެ.
ގަރާރުގައި ބުނެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގެންފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ.
"ގާނޫނު އަސާސީގެ ޖަދުވަލު އެކެއްގެ 2 ގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ ހުވައިގައި "ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަން"ކަމަށް އޮތުމުން 117 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެނޫން ހުވައެއް ކުރަންނުޖެހޭނެކަން ސާފުވޭ." ތޯރިގްގެ ގަރާރުގައިވެ އެވެ.
ތޯރިގުގެ ގަރާރުގައި ގޮވާލައްވާފައިވަނީ މިހާރު އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯއްދަވައި ދިނުމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު ވަގުތީގޮތަކަށް ހަވާލުކުރެވުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަލި ހާލަތު ހުރި ގޮތުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރަން ޖެހުނު ތައިރޮއިޑް އޮޕަރޭޝަނަކާ ގުޅިގެންނެވެ.
ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަނަކަށް ވާތީ، އެވަގުތުކޮޅުގައި މަގާމްގެ މަސްއޫލިއްޔަތު ނައިބު ރައީސްއާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެން ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުން ނައިބު ރައީސް ފައިސަލް ނަސީމްއަށް ރައީސްކަމުގެ ހުވާ ލައިދީފައިވެ އެވެ.
އިދިކޮޅުން ވަނީ މިމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފަ އެވެ.