ކަބާންސްގެ މަންޓާ އެއާގެ ތީމް ލަވަ "ވިންޑް ވޯކާ" ގެ ޑިސްޓްރިބިއުޝަން ރައިޓްސް ވޯނާ މިއުޒިކުން ގަނެފި އެވެ.
"ވިންޑް ވޯކާ" ލަވަ ވެގެން ގޮސްފައި ވަނީ ވޯނާ މިއުޒިކުން ގަތް ރާއްޖޭގެ ފުރަތަމަ ލަވައަށެވެ. މިއީ ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަންޓާ އެއާ އިން ދެކެ އެވެ.
އަހްމަދު ފައިޒާން (ފައި) ޕްރޮޑިއުސްކޮށް ނައުފަލް ނައީމް (ނާނު) ލިޔެފައިވާ މި ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ދިވެހި ހުނަރުވެރިން ހިމެނޭ މައިޝާ އާ ގުޅިގެން ކަބާންސް އިންނެވެ.
ކަބާންސް އިން މިހާރު އަންނަނީ އެ ބޭންޑްގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމް މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން މަސައްކަތް ކުރަމުން ކަމަށާއި އެ އަލްބަމް ވެސް ޑިސްޓްރިބިއުޓްކުރާނީ ވޯނާ މިއުޒިކުން ކަމަށް މަންޓާ އެއާއިން ބުންޏެވެ.
އެ ބޭންޑުގެ އިސްކޮށް ހަރަކާތްތެރިވާ އަހުމަދު އަރުޝަދު (ކޮއްކޮ) ބުނީ މިއީ އުމުރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަހަންނަށް މިއަށްވުރެ ބޮޑު އުފާވެރިކަމެއް ނުލިބޭ މިތަނަށް އަންނަން ވަރަށް ދިގު ދަތުރެއް ކުރި ނަމަވެސް މިއީ ހަމައެކަނި ފެށުންކަން އަހަންނަށް އެނގެއެވެ. އަޅުގަނޑުމެންގެ މިއުޒިކް އެހެން ހަރުފަތަކަށް ގެންގޮސް، ދުނިޔޭގެ އޯޑިއަންސަކަށް ހެދުމަށް އަޅުގަނޑުމެން މި ބަލަނީ. މަންޓާ އެއާ އާއި ޕަލްސް ހޮޓެލްސް އަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ އަހަރެމެންނަށް އިތުބާރުކޮށް، މި ހިތްގައިމު ފުރުސަތު އަޅުގަނޑުމެންނަށް ހޯދައިދިނީތީ،" އޭނާ ބުންޏެވެ.
ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓަ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް މާކެޓިން މުހައްމަދު ޝަފްރާޒް ހާފިޒް ސިފަކުރާ ގޮތުގައި މިއީ ދިވެހި މިއުޒީޝަނުންނަށް ލިބުނު ޓާނިން ޕޮއިންޓެކެވެ.
"މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ދުވަހެއް. ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން މަންޓާ އެއާ ގުޅިގެން ދިވެހި ހުނަރުވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާނެ. އަޅުގަނޑުމެންގެ ލޯކަލް ޓެލެންޓް ޕޫލްގެ ޕޮޓެންޝަލް އަޅުގަނޑުމެން ނަށް އަބަދުވެސް ފާހަގަކުރެވޭ، އަދި ބައިނަލްއަގުވާމީ މައިދާނަށް ގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ އަބަދުވެސް އަޅުގަނޑުމެން އަބަދުވެސް ބޭނުންވާ ކަމެއް. މިއީ އަޅުގަނޑުމެންނަށް މިކުރާ މަސައްކަތުގެ ވަރަށް މުހިންމު ޕްރޮޖެޓެއް،" އޭނާ ވިދާޅުވި އެވެ.
މަންޓާ އެއާ އަކީ ރާއްޖޭގައި ހިދުމަތް ދޭ އެންމެ ފެންވަރު ރަނގަޅު އެއާލައިނެވެ. އެ އެއާލައިން މަޝްހޫރުވެފައި ވަނީ ރާއްޖޭގައި ވަގުތަށް ފުރާ އެއާލައިންގެ ގޮތުގަ އެވެ.