ރަސްދޫގައި މި ސަރުކާރުން އަޅަން ވައުދުވި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިމޭނީ ކޮންއިރަކުކަން އެނގިވަޑައިނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިއާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވި ހައުސިން ޔުނިޓްތައް ނިންމާ ރައްޔިތުންނާ އެތަންތަނަށް ވަދެވޭ ވަރުވާނީ ކިހާތާކުކަމެއް ވިދާޅުވާން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަންނަ މަހު ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރަސްދޫގެ ހައުސިން ޔުނިޓުތަކުގެ މަޝްރޫއުގެ ބިޑް ހުޅުވާ، ބިޑްތައް އިވެލުއޭޓްކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ މަޝްވަރާކުރުމުގެ މަރުހަލާ ކަމަށެވެ.

ޝިއާން ކުރެއްވި ސުވާލުގައި ވަނީ އއ. ރަސްދޫގައި ކުރިއަށް ގެންދިއުމަށް ޓެންޑާ ކުރެވިފައިވާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރެވެނީ ކިހާ ހިސާބަކުތޯ އަދި ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވި ކިހާ ދުވަހެއްގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމާ ރައްޔިތުންނާ އެތަންތަނަށް ވަދެވޭ ވަރުވާނެތޯ އެވެ.