މައްކާ (މާޗް 28) - އުމްރާގެ އަޅުކަމަށް މައްކާ އަށް ދިޔަ އުމްރާވެރިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ 20 މީހުން މަރުވެ 29 މީހުން އިއްޔެ ޒަޚަމްވެއްޖެ އެވެ.

ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ދެކުނުގެ އާސިރު ޕްރޮވިންސްގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދަތުރުކޮށްފައި ދިޔަ ބަސް ބްރިޖެއްގައި ޖެހުމުގެ ސަބަބުބް ކަމަށެވެ. ބްރިޖުގައި ބަސް ޖެހުނުލެއް ބާރު ކަމުން އެ ބަސް ވަނީ ފުރޮޅާލައިފަ އެވެ. އަދި ބަހުގައި ވަނީ އަލިފާން ރޯވެފަ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޯދަ މަހުގެ އަޅުކަމަށް ދުނިޔޭގެ އެކި ގައުމުތަކުން އެތައް ހާސް ބަޔަކު މައްކާ އަށް ދަތުރުކޮށްފައިވާ ދުވަސްވަރެއްގަ އެވެ. މައްކާ އާއި މަދީނާއާ ދެމެދު މި ދުވަސްވަރު ދަތުރުކުރާ މީހުން ވަރަށް ގިނަ އެވެ.

ސައުދީގެ ރަސްމީ ނޫސް އަލް އަޚުބާރިއްޔާ އިން ބުނީ ބަސް އެކްސިޑެންޓްވީ ކަމަށް ބެލެވެނީ އޭގެ ބްރޭކް ފެއިލްވެގެން ކަމަށެވެ.

އެކްސިޑެންޓުގައި މަރުވެފައި ވަނީ އެކި ގައުމުތަކުގެ މީހުން ކަމަށްވެ އެވެ. ނަމަވެސް އެ މީހުންގެ ގައުމުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

https://www.youtube.com/watch?v=cSdiHzJ_0eA

އޮކްޓޯބަރު 2019 ގައި މަދީނާ ކައިރީގައި ހިނގި ބަސް އެކްސިޑެންޓެއްގައި ވަނީ 35 މީހުން މަރުވެ ހަތަރު މީހުން ޒަޚަމްވެފަ އެވެ.