ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު އަހަރުމެން ދިވެހިންގެ ތެރޭގައި ދައުރުވާ ސުވާލެއް އޮވެ އެވެ. ހަކުރު ބައްޔާއެކު ރޯދަ ހިފާނީ ކިހިނެއް ހެއްޔެވެ. މިގޮތަށް ރޯދަ ހިފާއިރު ސަމާލުވާންވީ ކޮންކޮން ކަމަކަށް ހެއްޔެވެ؟ މިއީ އެނގިފައި އޮތުން ރަނގަޅު މައުލޫމާތެވެ.

ހާރު ކެއުމަށް ސަމާލުވުން

ހަކުރު ބަލި ހުންނަ ނަމަ ރޯދަ ހިފަން ފެށުމުގެ ކުރިން ރަނގަޅު ކެއުމެއް ކާން ޖެހޭނެ އެވެ. މިއީ މުޅި ދުވާލު ލޭގައި ހަކުރުގެ މިންވަރު ހިފަހައްޓައިދޭނެ ކަމެކެވެ.

ގްލައިކަމިކް އިންޑެކްސް ދަށް ކާނާ ކެއުން

ގްލައިކަމިކް އިންޑެކްސް ދަށް ކާނާތަކަކީ ރޯދައަށް ހުންނައިރު ލޭގައި ހަކުރު އެކުލެވޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭ ކާނާތަކެކެވެ. އެގޮތުން ހާރުދަމު ހަރު ހަނޑުލުގެ ބަދަލުގައި ބާސްމަތީ ހަނޑޫ އިޚްތިޔާރު ކުރާށެވެ.

ރެއަކާދުވާލު 8 ތަށި ފެން ބުއިން

އިރު އޮއްސުމަށްފަހު ފަތިސްވުމާ ދެމެދު މަދުވެގެން 8 ތަށި ދިޔާ ތަކެތި ބޯން ސަމާލުކަން ދޭށެވެ. މިގޮތުން ބޯއިރު ހަކުރު ނާޅާ ތަކެތި ބޭނުން ކުރަން ވިސްނަންވާނެ އެވެ.

ރޯދައަށް ހުރެގެން ހަކުރު ބެލުން

ދުވާލު ރޯދައަށް ހުންނައިރު ލޭގައި ހަކުރުގެ ހުންނަ މިންވަރު ބަލަމުން ގެންދާށެވެ. މާ މަތިވާނަމަ ނުވަތަ ދަށްވާނަމަ އެއީ ގެއްލުންހުރި ކަމެކެވެ. ގުލްކޯޒް މީޓަރެއް ބޭނުން ކޮށްގެން ގޭގައި ވެސް ހަކުރު ބެލިދާނެ އެވެ.