ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް ކުންފުނި ރީބްރޭންޑު ކޮށްފި އެވެ.

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށް އެކަން އިއުލާންކުރީ އެ ކުންފުންޏަށް 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގަ އެވެ.

މިއާއެކު ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ލޯގޯ އާއި ނަން ވެސް މިހާރު ވަނީ އާބަންކޯ އަށް ބަދަލު ކޮށްފަ އެވެ.

މާލޭ ސަރަހައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުން ފެށި މަސައްކަތައް މިއަދަށް މިވަނީ 22 އަހަރު ވެފަ އެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި މަދު މުވައްޒަފުން ކޮޅަކާއެކު ފެށުނު މި މަސައްކަތް ފުޅާވެ އޭރު ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މިއަދުގެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ އެޗްޑީސީން މަސައްކަތްތައް ބައްޓަން ކުރެވި ރޭވުންތެރިކަމާއެކު ކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު އެއް އެސްއޯއީގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީގެ އިމާރާތުގެ ނަން "އާބަންކޯ" އަށް ބަދަލުކޮށްފައި. ފޮޓޯ: އެޗްޑީސީ

އާބަންކޯ އިން ބުނީ 2019 ވަނަ އަހަރު ވެގެން ދިޔައީ ކުންފުނި އާ މިސްރާބަކަށް ހުންގާނު އަނބުރާލުމަށް ކެނޑުނު ފުރަތަމަ ގިޔަރަށެވެ.

"ހުޅުމާލެ އަކީ ޒަމާނީ ވަސީލަތްތަކާއި އެކު އާއްމުންނަށް ބޭނުންވާނެ ހުރިހާ ޙިދުމަތްތަކެއް ލިބޭ ތަނަކަށް ހެދުމަށް ކުރެވެމުން އައި މަސައްކަތްތަކަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިޔަ އަހަރަކަށް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކުންފުނީގެ މެންޑޭޓުން އިޖްތިމާޢީ ބޯހިޔާވަހިކަން ނަގާ، ކުންފުނީގެ ހުރި ތަޖުރިބާ އާއި ހުނަރުވެރި މުވައްޒަފުންގެ ފުރިހަމަ ބޭނުން ރާއްޖޭގެ ތަރައްގީއަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ކުންފުނީގެ މެންޑޭޓް ބަދަލު ކުރެވިގެން ދިއަ،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ތިލަފުށި އަދި ގުޅީފަޅުގެ ޒިންމާތަކާ މި ދެ ރަށް ތަރައްގީކުރުމުގެ މަސްޢޫލިއަތާއި ކުންފުނިން ހަވާލުވީ އާ އުއްމީދަކާއި އަޒުމެއްގަ އެވެ. އަދި 22 އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިގްތިސާދީ މައި ސަރަހައްދު، ގްރޭޓާ މާލޭ ރީޖަން ޕްލޭންތަކާއި އެއްގޮތަށް ރޭވުންތެރި، ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމަށް ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

"މިއަދު ކުންފުންޏަށް 22 އަހަރުވެގެން ދާއިރު، ބަދަލުތަކެއް ގެނެސް، ކުންފުނީގެ މެނޭޖްމަންޓުން އަދި ހުރިހާ މުވައްޒަފުންގެ އަމާޒު މުޅިން އައު ހަރުފަތަކަށް ގެންދިއުމަށް މިވަނީ ބޭނުން ޖެހިފައި. ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށް ކުންފުނީގެ ބްރޭންޑް 'އާބަންކޯ' މިއަދު ވަނީ ރަސްމީކޮށް ލޯންޗްކޮށްފައި،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީގެ އިމާރާތުގެ ނަން "އާބަންކޯ" އަށް ބަދަލުކޮށްފައި. ފޮޓޯ: އެޗްޑީސީ

އާބަންކޯ އިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިހާރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާ ކުރުމެވެ.

"އާބަންކޯގެ ކުޑައިގެ ހިޔަލުގައި ހުޅުމާލެ އެކަނި އޮތުން ބަދަލުކޮށް، ބިޔޯންޑް ހުޅުމާލޭގެ ވިސްނުމާއެކު ތައާރަފު ކުރުވުނު އާބަންކޯ ބްރޭންޑިން ވެގެން ދާނީ މިހާރު ކުންފުނިން ދޭ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާހު ކުރެވިފައި ވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ އާބަންކޯ ކަމުގައި،" އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން، އާބަންކޯ އެޕް ވަނީ މިއަދު ލޯންޗްކޮށްފަ އެވެ. މިހާރު އެ ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއި އެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

"ހުޅުމާލެއިން ފެށި މި ބިއަ ބޮޑު ދަތުރު، ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާ މިއަދު މިވަނީ މުޅި ރާއްޖެ ވެސް މި ދަތުރުގެ ބައިވެރިއަކަށް ހެދުމަށް ފެށިފައި. ޒަމާނީ ތަރައްގީ އާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް މަސައްކަތް ކުރުމަކީ އާބަންކޯގެ އަމާޒު. އަދި މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ، ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ގޮތްތައް އިސްކޮށްގެން،" އާބަންކޯ އިން ބުންޏެވެ.