ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މައްސަލަ އޮތް ހިސާބުން އަލުން މުރާޖާކޮށް ބެލިއިރު އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައސާ ކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީ އެވެ.
ޕީޖީ އޮފީހުން ވަނީ މިމައްސަލަ އަނބުރާ ގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
އޭރު ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ފަހުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލުމަށެވެ.
މަހުލޫފުގެ މައްޗަށް ދައުވާކުރީ 2015 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ވޯޓު ދެއްވުމުގެ މުޤާބިލެއްގެ ގޮތުގައި 33،000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ތުހުމަތުކޮށެވެ.
މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައި ވާތީ އެވެ.
މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ދައުވާކުރުން ލަސްވެގެން ކަމަށް ބުނެ ސަަސްޕެންޝަން އުވާލީ އެވެ.