އެމްޑީޕީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތް ކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެ ޕާޓީގެ ލީޑަޝިޕަށް އަންގައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ހަތަރު ބޭފުޅުން މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކި ކުރުމަށެވެ.

ކޮމެޓީތަކުގެ މުގައްރިރު ކަމުން ވަކި ކުރުމަށް ނިންމާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަކީ އާންމު ކޮމިޓީގެ މުގައްރިރެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއް ލަތީފްއަކީ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުގައްރިރެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަކީ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މުގައްރިރެވެ.

މިބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ނިންމީ ތަކުރާރުކޮށް ސަރުކާރާއި އެމްޑީޕީގެ ސިޔާސަތަށް ގޮންޖަހައި އަމިއްލަ އެޖެންޑާ ހާސިލްކުރުމަށް މަސައްކަތް ކުރާތީ ކަމަށް މައުލޫމާތުލިބެ އެެވެ.

މިބޭފުޅުންނާއި، މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާ ނިންމުމުގެ އިތުން މިބޭފުޅުންނާއިމެދު އެމްޑީޕީންވެސް ފިޔަވަޅު އަޅައިދިނުމަށް އެދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ވެސް ޕީޖީ ގްރޫޕުން ވަނީ ފޮނުވާފަ އެވެ.

މި ހަތަރު މެމްބަރުންނަކީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ،މަޖިލީހުގައާއި، މަޖިލީހުން ބޭރުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، އަދި ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައިވާ ހަތަރު ބޭފުޅުންނެވެ.

ޕާލިމެންޓްރީ ގްރޫޕުން މިގޮތަށް ނިންމާފައިވާއިރު ރައީސް ނަޝީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.