ވިސާއަކާ ނުލައި ދިވެހިންނަށް ބުރުނޑީއަށް ދެވޭ ގޮތަށް ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރުން ވިސާ އެގްޒެމްޕްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރުން މި އެއްބަސްވުމުގައި ސޮއިކުރީ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ.
އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ހުސެއިން އެވެ. އަދި ބުރުންޑީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޒެފީރިން މަނިރަތަންގަ އެވެ.
މި އެއްބަސްވުމުގެ ދަށުން، ވިސާއާ ނުލާ ދިވެހިންނަށް ދެގައުމުގެ ދެމެދުގައި 30 ދުވަހުގެ މުއްދަތައް ދަތުރުކުރެވޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ދަށުން ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ވަނީ ދެގައުމުުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބުރުންޑީން ކުރާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެގައުމުން މި ސޮއިކުރެވުނު އެއްބަސްވުމާ އެކު ބުރުންޑީ އާއި ރާއްޖެއާ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަން ވެސް ފާހަގަކުރެއްވި އެވެ.