ޕްރެޝަރު ބޮޑުވުމުން، އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާހު ކުރުމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވިކަން އިއުލާންކުރައްވައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ވާދަކުރެވޭ ގޮތަށް ހުށަހެޅުއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާ މަޝްވަރާކުރުމަށްފަހު، މަޝްވަރާ މަޖިލީހުގެ ހަތް މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަމުގެ އިތުރުން ނައިބު ރައީސްކަމަށް ވެސް އަންހެން ބޭފުޅުންނަށް މީގެ ކުރިން ކުރިމަތި ނުލެވެ އެވެ. ނަމަވެސް ފަހުން ވަނީ ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތް ހެދުމަށް ނިންމައިފަ އެވެ.

އެ ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމްރާން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމެނިފައި އޮތީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕަޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރި ވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ފެންނާތީ، އަދާލަތު ޕާޓީގެ ރައީސްގެ ކަބައިގައި ހުރުން ލާޒިމްކުރަ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށަހަޅައިފައިވާ ކަމަށް އިމްރާން ވިދާޅުވެފައިވެ އެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ ފިރިހެނުންނަށް އެކަންޏެވެ. އެޕާޓީގެ ފަރާތުން މިމަހު ރައީސްއާއި ނައިބުރައީސް ހޮވުމަށް ތައްޔާރު ވަމުންދާއިރު ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކު މަގާމުތަކުގައި ދެމިތިބުމަށް މަސައްކަތް ކުރާ ކަމަށްބުނެ ޕާޓީގެ މެމްބަރުންތަކެއް ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށައަޅާފަ އެވެ.

އެޕާޓީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ކުރީގެ ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެފައިވަނީ ޕާޓީ މިހާރު ޑިމޮކްރެސީގެ ނިޒާމަށް އަހުލުވެރިވެ ފައްކާވަމުންދާ ކަމަށާއި ރައީސް ކަމަށްވެސް އަދި ނައިބު ރައީސް ކަމަށްވެސް އަންހެނުންނަށް ކުރިމަތިލެވެންޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެޕާޓީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޤައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށްވެސް އެޕާޓީން ބުނެ އެވެ.