ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން "މޮކާ"ގެ ސިދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެއްވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ވިދާޅުވީ ރާއްޖެއާއި ދުރުން އިރުދެކުނު ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިއަދު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ.

"މޮކާ"ގެ ނަމުން ނަން ދީފައިވާ ތޫފާން މަޑުމަޑުން ހުޅަނގު އިތުރަށް ޖެހި މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެ އެވެ. އަދި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރި ނަމަވެސް މި ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މޫސުން ގޯސްވެ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކުރެ އެވެ.

މިއަދުގެ މޫސުމަށް ބަލާއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. އަދި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.