ވިއްސާރަ މޫސުމުގައި ހުޅުހުޅުގެ ރިހުން ބޮޑުވާ ކަމުގެ ޝަކުވާއަކީ ވަރަށް ގިނައިން އިވޭ ޝަކުވާ އެކެވެ. މިއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. މީގެ ފަހަތުގައި ސައިންސްގެ ސަބަބު ތަކެއްވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެނެސްތީސިއޮލޮޖިސްޓް އަދި އިންޓަވެންޝަނަލް ޕެއިން މެޑިސިން ފިޒީޝަން ޑރ. ކުނާލް ސޫދު ވަނީ ސައިންސްގެ ގޮތުން މިކަން މެދުވެރިވާ ސަބަބުތައް ކިޔައިދީފަ އެވެ.
1. ނާރަުތަކުގެ ނާޒުކުކަން
ހަށިގަނޑުގެ ތަނަކަށް ލިބިފައިވާ ބޮޑު ހާނީއްކައެއް، ސާޖަރީއެއް، ނުވަތަ ހުޅުތައް ދުޅަވުން ފަދަ ކަމަކަށް ފަހު، އެ ސަރަހައްދެއްގެ ނާރުތަކާއި ޓިޝޫތައް ކުރިއަށްވުރެ ބޮޑަށް ނާޒުކުވެ، ކުދިކުދި ބަދަލުތަކަށް މާ އަވަހަށް ރިއެކްޓް ކުރާ ގޮތްވެ އެވެ.
2. ވައިގެ ޕްރެޝަރަށް އަންނަ ބަދަލު
ވިއްސާރަވުމުގެ ކުރިން ނުވަތަ ވިއްސާރަވާ ވަގުތު ޖައްވުގެ ބެރޯމެޓްރިކް ޕްރެޝަރު (ވައިގެ ބާރުމިން) ދަށްވެ އެވެ. ޖައްވުގެ ޕްރެޝަރު ދަށްވުމުން، ހަށިގަނޑުގެ އެތެރޭގެ ޓިޝޫތަކާއި ހުޅުތަކުގެ ވަށައިގެންވާ ލޮނދި ފަށަލައިގެ ފިއްތުން ކުޑަވެ، އެ ތަންތަން ކުޑަކޮށް ފޮއްސިވެ، ފުޅާވާން ފުރސަތު ލިބެ އެވެ. މީގެ ސަބަބުން، ކުރިންވެސް ނާޒުކުވެފައި ހުންނަ ނާރުތަކުގައި ޖެހި، ތަދު އިތުރަށް ބޮޑުވެ އެވެ.
3. ފިނިހޫނުމިނަށް އަންނަ ބަދަލު
ވިއްސާރަ ވުމުން ޖައްވު ފިނިވެއެވެ. ފިނިވުމުގެ ސަބަބުން އެ ސަރަހައްދު ތަކުގެ ލޭ ދައުރުވުން ކުޑަކޮށް މަޑުޖެހި، މަސްތަކާއި ލިގަމެންޓްތައް ހަރުވާ ގޮތްވެ އެވެ. މީގެ ސަބަބުން ހުޅުތައް ހަރަކާތްތެރި ކުރަން ދަތިވެ، ރިހުން އިތުރުވެ އެވެ.
ޑރ. ކުނާލް ވިދާޅުވާ ގޮތުގައި ވިއްސާރަ ދުވަސްވަރު މިގޮތަށް ރިއްސުމަކީ ހަށިގަނޑަށް އަލުން ގެއްލުން ލިބޭ ކަމުގެ އަލާމާތެއް ނޫނެވެ. އެއީ ހަމައެކަނި ކުރިން ހަލާކު ވެފައިވާ ނާރުތަކުން، މޫސުމަށް އަންނަ ކުދި ބަދަލުތަކަށް "ރިއެކްޓް" ކުރަނީ އެވެ.
މިކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތައް
- ހަށިގަނޑު ހޫނުކޮށް ބެހެއްޓުން: ފިނި ދުވަސްވަރު ރަނގަޅަށް ހޫނު ހެދުމާއި، ތަދުވާ ތަންތަނުގައި ހޫނު ފެން ކޮތަޅު އެޅުން.
- ހަރަކާތްތެރިވެ އުޅުން: ވިއްސާރަވުމުން ކަންނެތް ވެފައި ނޯވެ، ލުއި ކަސްރަތުތަކާއި ސްޓްރެޗްތައް ކުރުމުން ހުޅުތައް ހަރުވުމުން ސަލާމަތްވާނެ އެވެ.
- ފެން ބުއިން: ހަށިގަނޑުން ފެން މަދުވުމަކީ ތަދަށް ހުންނަ ނާޒުކުކަން އިތުރު ކޮށްދޭ ކަމެކެވެ.
ބާންހަމް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފި
ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން
ވޯލްޑް ކަޕްގެ ރަންބޫޓު ދެ ފަހަރު ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ