ގާޒާ (13 މެއި) - އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދާ މެދު އަމަލުކުރަނީ ކޮލޮނައިޒް ކޮށްފައިވާ ތަނެއްގެ ގޮތުގައި ކަމަށް ޔޫއެންއިން ފަލަސްތީނުގެ އިންސާނީ ހައްގުތައް ބެލުމަށް ކަނޑައެޅި ސްޕެޝަލް ރަޕޯޓުއާ ފްރާންސިސްކާ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އިޒުރޭލުން ފަލަސްތީނުގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވަމުންދާ ކަމަށެވެ.

އަލްބަނީ މިގޮތަށް ވާހަކަފުޅު ދެއްކެވީ މިދިޔަ އަހަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ލަންޑަނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގަ އެވެ.

އިޒްރޭލުގެ ބައެއް މިނިސަޓަރުންނާއި ޒަޔަނިސްޓު ގްރޫޕްތަކުން ވަނީ އެކަމަނާގެ މި ވާހަކަތައް ކުށްވެރިކޮށް ފާޑުކިޔައި، އިންޒާރު ދީފަ އެވެ. އެމީހުން ބުނާ ގޮތުގައި އަލްބަނީ ވަނީ އެއްފަރާތަކަށް ޖެހިފަ އެވެ.

އަލްބަނީ ލަންޑަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ފަލަސްތީނުން ފާހަގަކުރާ ނަބްކާ ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. ނަބްކާ އަކީ 1947ން 1949 އާ ދެމެދު ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ ބިން ފޭރުމުގެ ސަބަބުން ލިބުނު އަނިޔާވެރިކަން ފާހަގަކުރުމަށް ހިންގާ ހަރަކާތެކެވެ. ޔޫއެން އިން ވަނީ މުޅިން އަލަށް މިއަހަރު ރަސްމީކޮށް ނަބްކާ ފާހަގަކުރަން ނިންމާފަ އެވެ.

މި ދަތުރުފުޅުގައި އަލްބަނީ އިނގިރޭސި ޕާލަމެންޓްގެ މެންބަރުންނާއި ޔަހޫދީންގެ އިސް މީހުންނާއި ބައެއް ތަޖުރިބާކާރުންނާ ބައްދަލުކުރައްވާނެ އެވެ.

އަލްބަނީ ވަނީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމާ ބެހޭ ރިޕޯޓު ޔޫއެންގެ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅުއްވާފަ އެވެ. ހަމަ އެއާއެކު ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓެއް އެކަމަނާ ވަނީ ހިއުމަން ރައިޓްސް ކައުންސިލަށް ވެސް ހުށަހަޅުއްވާފަ އެވެ. މި ރިޕޯޓުގައި ފާހަގަ ކުރައްވާފައި ވަނީ ފަލަސްތީނުގައި އިޒްރޭލުން ރާވައިގެން މީހުން ހައްޔަރުކުރުމުގެ ހަރަކާތްތައް ހިންގާކަމާއި ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަމާއެކު އުޅެވިޔަ ނުދޭކަން ފާހަގަ ކުރައްވާފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލްބަނީ ވިދާޅުވީ އިނގިރޭސިވިލާތުން މި މައްސަލައަށް މާބޮޑު ސަމާލުކަމެއް ދޭތަން ނުފެންނަ ކަމަށެވެ. އެކަމަނާ ހުޅަނގުގެ ގައުމުތަކަށާއި އިނގިރޭސިވިލާތަށް ގޮވައިލެއްވީ އަނިޔާވެރިކަމުގެ ވާހަކަދެއްކުމުގެ ބަދަލުގައި އިޒުރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އަމަލުކުރުވުމަށް މަސައްކަތް ކުރުމަށެވެ.