ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި އެވެ.

ރާއްޖެއިން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާފައި މިވަނީ ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށްޓަކައި ޒަޔަނިސްޓު ބާރުތަކުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް 1948 މޭ 14ގައި ފެށި ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެޙާދިސާ ހިނގިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާގަ އެވެ.

އިޒްރޭލުގެ ބާރުތަކުން 1948ގައި ފެށި ލާއިންސާނީ އަމަލުތަކުގައި އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް މަޖުބޫރުކަމާއެކު އެމީހުންގެ ގައުމުން ނެރެ ފަލަސްތީނުގެ އެތައް ސަތޭކަ އަވަށެއް ފަޅުކޮށް، އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފަ އެވެ. މި ހާދިސާއަށް ފަލަސްޠީނުގައި ކިޔައި އުޅެނީ ނަކްބާ އެވެ. މިއީ ނަކްބާ ފާހަގަކޮށް އެކަންކަމާ ދެކޮޅަށް އދ.ގެ މައި މަރުކަޒުގައި ޚާއްސަ އިހުތިފާލެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އިޒްރޭލުން ނަކްބާގައި ހިންގި އަމަލުތައް ކުށްވެރިކޮށް، އެ ލާއިންސާނީ ޢަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ނަކްބާއަށް 75އަހަރު ފުރޭ ދުވަސް މޭ 15ގައި ފާހަގަކުރުމަށް އދ.ގެ އާއްމު މަޖިލީހުގެ 77ވަނަ ސެޝަނުގައި ވަނީ ފާސްކޮށްފަ އެވެ. އެ ނިންމުމުގެ ދަށުން، ފާއިތުވި ހަފުތާގައި އދ.ގެ މައި މަރުކަޒުގައި ބޭއްވުނު ޖަލްސާގައި ފަލަސްޠީނުގެ ރައީސް، މަހުމޫދު ޢައްބާސް ވެސް ބައިވެރިވެވަޑައިގަންނަވައި އދ.ގެ ޢާއްމު މަޖިލީހާ މުޚާތަބުކުރައްވާ ތަގުރީރުކުރެއްވި އެވެ.

މި ޖަލްސާގައި ރާއްޖެއިން ހުށަހެޅި ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުނިނުކުރެވޭނެ ޙައްޤުތައް ހޯދުމަށް އެރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޝަރުތަކާނުލާ ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކޮށްފަ އެވެ. އެގޮތުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ގާއިމުކޮށްފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަގިއްލު ފަލަސްތީންގެ ދައުލަތެއް އުފެއްދުމަށް ރާއްޖެއިން ތާއީދުކުރާކަން މި ބަޔާނުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިނިވަން، މުސްތަގިއްލު، ފަލަސްތީނެއް ގާއިމުވުމާ ހަމައަށް ފަލަސްތީނުގެ ރައްޔިތުންނާއެކު ދެގޮތެއް ނުވެ، ސާބިތުކަމާއެކު ރާއްޖެއިން ދެމިތިބޭނެކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު، ރާއްޖޭގެ ބަޔާނުގައި ވަނީ 1948 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ލާއިންސާނީ އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުންދާކަން ފާހަގަކޮށް، އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ހުރަސްއެޅޭކަން ފާހަގަކޮށް، ރާއްޖެއިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގާނޫނާ ޚިލާފު އަމަލުތައް ވަގުތުން ހުއްޓާލުމަށާއި ގާނޫނާ ހިލާފަށް ޣައްޒާ ހިސާރުކޮށްގެން ތިބި ތިބުން ހުއްޓާލުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ގޮވާލާފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޙަރަކާތްތެރިވަމުންދާ އދ.ގެ އެޖެންސީތަކާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކޮށްފަ އެވެ.

ނަކްބާއަށް 75 އަހަރު ފުރުން އދ.ގައި ފާހަގަކުރުމަށް ގޮވާލައި، އދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމަށް ރާއްޖެއިން ވަނީ ވޯޓުދީފަ އެވެ. މި ގަރާރު ފާސްވެފައި ވަނީ އދ.ގެ މެމްބަރު ގައުމުތަކުގެ ތެރެއިން 90 ގައުމުގެ ތާއީދާއެކު އެވެ.

މި ޖަލްސާގެ ބޭނުމަކީ ނަކްބާގެ ހާދިސާގެ ހަނދާން އައުކޮށް، އެ ހާދިސާގައި ގެދޮރުގެއްލި އެހެނިހެން ގޮތްގޮތުން ގެއްލުން ލިބުނު އަދި މިހާރު ވެސް އެގެއްލުންތައް ތަޙައްމަލުކުރަމުންދާ ފަލަސްތީނު ރައްޔިތުންގެ ތަޖުރިބާތަކާއި އިހުސާސްތައް ހިއްސާކޮށް އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެކަންކަމާ ދެކޮޅުހެދުމެވެ.