އެމެރިކާގައި ޓިކްޓޮކް މަނާކުރާ ފުރަތަމަ ސްޓޭޓް ކަމުގައި މޮންޓާނާ ހިމެނިއްޖެ އެވެ.

ވިޑިއޯ ޝެއަރިން ޕްލެޓް ފޯމް ޓިކްޓޮކް އެޕް، އޮފީސްތަކުގައި ބޭނުންކުރުން މޮންޓާނާގައި މީގެ ކުރިން ވަނީ މަނާކޮށްފަ އެވެ. އަލަށް ހަދާ ގާނޫނަކާއެކު އަމިއްލަ ފޯނުން ވެސް ޓިކްޓޮކަށް ވަނުން މޮންޓާނާގައި މަނާވާނެ އެވެ.

ޗައިނާގެ މީޑިއާ ކުންފުނި، ޓިކްޓޮކާ މެދު ޔޫރަޕާއި އެމެރިކާގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. އެ ގައުމުތަކުން ޝައްކުކުރަނީ ޓިކްޓޮކްގެ ޒަރީއާއިން އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރަށް ލިބޭނެ ކަމަށެވެ. އެ މައުލޫމާތުތައް ބޭނުން ކޮށްގެން ޗައިނާގެ ޕްރޮޕަގެންޑާ ފަތުރައިފާނެ ކަމުގެ ބިރު ހުޅަނގުގެ ގައުމުތަކަށް އޮވެ އެވެ.

ޓިކްޓޮކްގެ މިލްކުވެރި ކުންފުނި ބައިޓް ޑާންސުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެ އެވެ.

ޓިކްޓޮކްގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނަކު ބުނި ގޮތުގައި އެ ކުންފުނިން މޮންޓާނާގެ ރައްޔިތުންނަށް ޓިކްޓޮކު ބޭނުންކޮށްގެން ޚިޔާލުފާޅުކުރުމާއި އާމްދަނީ ހޯދުމާއި އިޖުތިމާއީ ގުޅުން އާލާކުރުމަށް މަގުފަހިކޮށް ދޭނެ އެވެ. ހަމަ އެއާއެކު އެ ސްޓޭޓުގެ އެތެރޭގަ އާއި ބޭރުގައި ވެސް ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ.

މޮންޓާނާ އިން އަލަށް ހަދަމުންދާ ގާނޫނުގައިވާ ގޮތުން ޓިކްޓޮކް އެޕް ޑައުންލޯޑްކުރުމަށް މަގުފަހި ކޮށްދޭ އެޕް ސްޓޯރުތަކާއި އެ ޕްލެޓްފޯމް ބޭނުންކުރެވޭ ގޮތް ހަދައިދޭ އެހެނިހެން ފަރާތްތައް ދުވާލަކަށް 10،000 ޑޮލަރުގެ ނިސްބަތުން ޖުރިމާނާ ކުރެވޭނެ އެވެ. އެހެން ނަމަވެސް މިފަދަ ޖުރިމާނާއެއް ޓިކްޓޮކް ބޭނުންކުރާ މީހުން ކުރާ ގޮތަކަށް ހަމަ ޖެހިފައެއް ނުވެ އެވެ.

ގާނޫނީ ތަޖުރިބާކާރުން ބުނާގޮތުގައި ފޮންޓާނާގެ މިނިންމުން އެމެރިކާގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުތަކާ ފުށު އަރާނެ އެވެ. އެހެންކަމުން މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ބެލެވެ އެވެ.