ކުރީގެ ރައީސް މައުމޫނުގެ މޯލްޑީވްސް ރިފޯމް މޫވްމަންޓު އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަލުން ބަލާ މުރާޖާ ކޮށްދިނުމަށް އެދޭ ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

3000 މެމްބަރުން ހަމަނުވެގެން އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެމްއާރުއެމް އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް މައުމޫން ވިދާޅުވީ ޕާޓީ ވުޖޫދުގައި ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަން ހިނގާފައި އޮތް ގޮތުގެ ތަފްސީލު އެބޭފުޅުން އަތުގައި އެބަހުރިކަމަށާ އިލެކްޝަންސް ކޮމިޝަނުން ގާނޫނާ އެއްގޮތަށް ކުރަންޖެހޭ ކަންތައްތައް ކޮށްފައި ނުވާ ކަމުގެ ހެކިވެސް އެބަހުރި ކަމަށް ފާރިސް ވިދާޅުވި އެވެ.

"ޕާޓީ ވުޖޫދުގަ ދެމެހެއްޓޭނެ ކަން އަޅުގަނޑަށް ޔަގީންކަން އެބައޮތް މިކަން ހިނގާފައޮތް ގޮތުގެ ތަފްސީލު އަޅުގަނޑުމެންނަށް އިނގޭތީ އަދި އިލެކްޝަނުން ކުރަން ޖެހޭ ކަންތައް ގާނޫނާ އްގޮތަށް ކޮށްފައި ނުވާކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހެކިތައް ހުންނާތީ މިދަންނަވަނީ،" ފާރިސް ވިދާޅުވި އެވެ.

އެހެންވެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަށް އެކަން ހިނގާފައި އޮތްގޮތް ބަލާ އަލުން މުރާޖާ ކޮށްދެއްވުމަށް އެދޭ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާވީ މިކަން ހުށަހަޅަން ޖެހޭ ތަންތަނަށް ހުށަހަޅާ ޕާޓީ އުވާ ނުލެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

މިކަންކަން ހުށަހަޅާން ޖެހޭ ތަންތަނަށް ހުށަހަޅައިގެން ޕާޓީ އުވާ ނުލެވޭނެ ކަމުގެ ޔަގީންކަން އެބޮތް، މިހެން ދަންނަވާއިރުވެސް ނުފޫޒަކީ އެކި މަރުހަލާތަކުގަ އެކިތަންތަނަށްވެސް ވަންނަމުންދާނެ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ މިކަމުގައި ހަގީގަތް ނޭންގޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މިކަން މިހެން ދިމާވިޔަސް އެމްއާރުއެމް އިން ކުރަމުންގެންދާ އިސްލާހީ މަސައްކަތައް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ އަދަދު ހަމަނުވެއްޖެ ކޮމިޝަނުގެ ޖަލްސާއެއް ބާއްވައި ޕާޓީ އުވާލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް އެމްއާރުއެމް މެމްބަރުންގެ އަދަދަކީ 2،981 އެވެ. މިއީ ފަސޭހައިން 3،000 ހަމަވާނެ އަދަދެކެވެ.

އެމްއާރުއެމުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕާޓީން މެމްބަރުން މަދުވުމުގައި އީސީގެ ތެރޭގައި އޮޅުވާލުންތަކެއް ހިނގަ އެވެ. އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދާއިރު ބައެއް މީހުން ތިބެނީ ޕާޓީގެ އެކި މަގާމްތަކުގައި ކަމަށް ވެސް އެމްއާރުއެމް އިން ބުނެފައިވެ އެވެ.