ދުނިޔޭގެ އެންމެ އުފާވެރި ގައުމެއްގެ ގޮތުގައި ސްވިޓްޒަލޭންޑް ހޮވުނުއިރު ދިރިއުޅުން އެންމެ ހިތްދަތި ގައުމެއްގެ ގޮތުގައި ޒިމްބާބްވޭ ހޮވިއްޖެ އެވެ.

އެމެރިކާގެ ޖޯން ހޮޕްސްކިންސް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ސްޓީވް ހޭންކް އެކުލަވާލާފައިވާ ވޯލްޑް މިޒަރީ އިންޑެކްސްއަކީ ދުނިޔޭގައި ދިރިއުޅުމުގެ ހާލަތު އެންމެ ދަށް ގައުމުތައް ވަކިކުރާ އިންޑެކްސް އެކެވެ.

މި އިންޑެކްސްގެ އެންމެ ކުރީގައި ޒިމްބާބްވޭ އޮތްއިރު ލިސްޓުގެ އެންމެ ދަށު ދަރަޖަ ލިބުމުން ސްވިޓްޒަލޭންޑް ވެފައިވަނީ އެންމެ އުފާވެރި ގައުމަކަށެވެ.

މި ލިސްޓު އެކުލަވާލުމުގައި ބަލާފައިވަނީ އެގައުމެއްގެ އާއްމު ދިރިއުޅުމުގެ ފެންވަރާއި ރައްޔިތުންގެ އެވްރެޖް އުމުރު ފަދަ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަށެވެ.

އެގޮތުން ޒިމްބާބްވޭ ދުނިޔޭގެ އެންމެ ހިތްދަތި ގައުމުގެ ގޮތުގައިި ހޮވިފައިވަނީ އެގައުމުގައި ކުރިއަށްދާ ސިޔާސީ ހަމަނުޖެހުންތަކާއި އިންފްލޭޝަން ފަދަ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލިސްޓުގެ ފުލުން ދެވަނަ އަރަބި ގައުމެއް ކަމަށްވާ ކުވެއިތަށް ލިބުނުއިރު މެދު އިރުމަތީގެ ހަތަރު ގައުމެއް އެންމެ ހިތްދަތި ދިހަ ގައުމުގެ ތެރޭގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި ސޫދާން، ޔަމަން، ލުބްނާން އަދި ސީރިއާ ހިމެނެ އެވެ.