ރައީސް މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައިގެ މައްސަލަ ސިވިލް ކޯޓުން ބަލާތީ، އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްފި އެވެ.
ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، މަންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުއްލެވީ މިދިޔަ މާޗު މަހު އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުންނާ ގުޅުވައި ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކައާ ގުޅިގެންނެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރީ އެ ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށެވެ.
ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމީ އެފަދަ އެދުމަކަށް އަމުރުކުރާނެ ގާނޫނީ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުން ހުކުމް އިއްވާފައިވަނީ މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ވެސް ޣައިރު ހާޒިރުގަ އެވެ.
ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ފާހަގަކުރެއްވި ގޮތުގައި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާ މަންދީއާއި ފައްޔާޒްގެ ފަރާތުން ހަވާލުވެ، އޭގެ ފަހުން އެ އަމުރުތަކުގައިވާ ތާރީޚާއި ގަޑިއަށް މަންދީއާއި ފައްޔާޒްގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލުން ކޯޓަށް ގަޑިއަށް ހާޒިރުވެފައެއް ނުވެ އެވެ. އަދި، ގަޑިއަށް ހާޒިރުވެވެން ނެތް ސަބަބު ވެސް އަންގާފައެއް ނެތެވެ.
އެހެންވެ، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރަން ފެންނަ ކަމަށް ފަނޑިޔާރު ނިޔާޒް ނިންމެވި އެވެ. ފަނޑިޔާރު ހުސައިން މަޒީދު ވަނީ އެ ރައުޔަށް ތާއީދުކުރައްވައިފަ އެވެ.
ނަމަވެސް، އިސްތިއުނާފުގެ މައްސަލަ ބާތިލުކުރެވޭނެ ކަމަކަށް އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ދެކެވަޑައިނުގަންނަވަ އެވެ. ދީބާނާޒްގެ ރައުޔުގައިވާ ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ މެދު ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަން ވާނެ ކަމަށް ބުނެފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ.
މަންދީއާއި އެމްޑީޕީއާއި ފައްޔާޒަށް ދައުވާކުރާނެކަން ރައީސްގެ އާއިލާގެ ފަރާތްޕުޅުން އިއުލާނުކުރެއްވީ މާޗު 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އާއިލާ ތަމުސީލު ކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.
އެ ބައްދަލުވުމުގައި ސާޖިދާގެ ފަރާތުން އާޒިމާ ބަޔާނެއް އިއްވެވި އެވެ. އެގޮތުން، ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ފަދަ ވާހަކަތައް ވެސް މަންދީ ދައްކައި ފަތުރާފައިވާ ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، ރައްކާތެރިކަން ކަށަވަރު ނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނެ ފަދަ ފުރުސަތުތައް ހުޅުވިފައިވާ ކަމަށް ސާޖިދާގެ ފަރާތުން އިއްވެވި ބަޔާނުގައިވެ އެވެ.
ހައި ކޯޓުގެ ގަވާއިދުގައި ބުނާ ގޮތުން މިފަދަ ހާލަތެއްގައި ކޯޓުން މައްސަލަ ބާތިލްކުރާތާ 15 ދުވަހުގެ ތެރޭގައި އަލުން މައްސަލަ ހުށަހެޅޭނެ އެވެ.