އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ މީހުންނަށް ސަރުކަރުން ގުޅާ ބިރުދައްކަމުންދާކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާޒް ވިދާޅުވީ ޕާޓީ ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅި މެންބަރުންގެ ލިސްޓް އިލެކްޗަނުން އާންމުކުރުމުގެ ކުރީން ސަރުކާރުން އެލިސްޓު ހޯދާފައިވާ ކަމަށެވެ. އަދި އެލިސްތުގައި ތިބި މެމްބަރުންނަށް ސަރުކާރުން ގުޅާ ބިރުދައްކަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ވަޒީފާ ތަކުގަޔާއި ކުންފުނިތަކުގެ ވަޒީފާގައި ތިބި މެމްބަރުންނަށް ވެސް ގުޅާ ބިރުދައްކަމުންދާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ހާހިސަބަށް ދިއުމުން ސިޔާސީ މިނިވަންކަން ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް ކުރިކަމަކީވެސް ސިޔާސީ މިނިވަންކަމަށް ކުރި މަސައްކަތް އެމަސައްކަތްކޮށް މިހިސާބަށް އާދެވުނު އިރުގާ އަލުން އަނބުރާ 2004 ގެ ކުރިއަށް އަޅުގަުޑޫމެން ދިޔަ ކަމުގެ އިހުސާސް މިއަދުވާން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީ އަކަށް ރަޖިސްޓަރީވާން މީހަކު ހުށަހެޅުމުން އެމީހަކު ސަރުކާރުގައި ވަޒީފާ އަދާކުރޭތޯ އާއި ގޯއްޗަކަށް ނުވަތަ ފްލެޓަކަށް އެދިފައިވޭތޯ ސަރުކާރުން ބަލާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި އެއްވެސް މީހަކު އެފަދަ ކަމެއްގައި ޝަމިލުވާނަމަ ސަރުކާރުގެ އޮފިޝަލުން ގުޅާ ބިރުދައްކާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"ސަރުކާރުގެ އޮފިޝަލުންތައް އެބަ އެމީހަކަށް ގުޅާ ބިރުދައްކާ ތިބޭފުޅާ އެބައޮތެއް ނޫންހޭ ފްލެޓަކަށް ލާފަ ގޯއްޗަކަށް ލާފަ ކީއްކުރަންހޭ އަލަށް ހަދާ ޕާޓީ އަށް ސޮއިކޮށްފައި ތިއޮތީ،" އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެމީހުްނނަށް ގުޅާ އިލެކްޝަންސް ކޮމިޝަނުން ފޯމުތައް ސައްހަތޯ ބެލުމަށް މެސެޖުކުރުމުން އެއީ އެމީހަކަށް ނޭންގި ހުށަހަޅާފައިވާ ފޯމެއް ކަމަށް ބުނުމަށް ސަރުކާރުން އަންގާ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް 3560 ފޯމާއި އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ރައީސް ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މީހުން ސަރުކާރުން ވަކިކުރަން ވަނީ ފަށާފަ އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެއްކަލަ 39000 މީހުން ފޯރމް ނުލާ އެތިބެނީ ބިރުން ހެއްޔެވެ؟ ނިކަން އަވަހަށް 3000 މީހުން ހަމަނުވާ ޕާރޓީ ތަކުގެ ލިސްޓަށް އަރާނެއެވެ.
ތިޔަ ޕާރޓީގައި ތިބެނީ ސިއްރު ބަޔެއް ހެއްޔެވެ؟ ރަޖިސްޓްރީ ކުރަން ފޮނުވި ލިސްޓުގައި ބަންގްލާދޭސް މީހުން ތިބޭނެ ހެއްޔެވެ؟ ނޫނިއްޔާ އެއީ މައަސަލައަކަށް ވާންވީ ކިހިނެތް ވެގެން ހެއްޔެވެ؟ ތިޔަ ގަންނަނީ ހާދަ ބިރެކެވެ.