ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވި ކޮމިޓީތަކުގެ މަސައްކަތް ފެށުމުން ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ބުނާ ސިޓީފުޅު ހޯއްދެއްވުމަށް 241 ކޮމެޓީން އެދޭނެ ކަމުގައި އެކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މިހެން ވިދާޅުވިއިރު މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އާއްމުކުރެއްވުމަށް ދަނީ ގޮވާލަމުންނެވެ.

މި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓިފައި އޮތުމަކީ މަޖިލީހުގެ މަސައްކަތް ހުއްޓުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ފުޅާމެދު ކަންބޮޑުވުން ފާޅު ކުރައްވާއިރު، އެސިޓީ މަޖިލީހަށް ހޯއްދެވުމަށް 241 ކޮމެޓީން ކުރަންޖެހޭ މަސައްކަތް ކުރެވޭނީ ވެސް ކޮމިޓީތައް އެކުލަވާލިވެގެން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާއި ގުޅޭގޮތުން އަޅުގަނޑަށް ގޮތެއް ނުނިންމިފައި އޮތީ 241 ކޮމެޓީ ނުބޭއްވިގެން. 241 ކޮމެޓީ ބޭއްވޭ ފުރަތަމަ ދުވަހު އަޅުގަނޑު އެކޮމެޓީގެ ޗެއާއަށް އިތުރަށް އިންނަ ކަމުގައިވާނަމަ، ރައީސުލްޖުމްހޫރިއްޔާގެ އެ ސިޓީފުޅު ހޯދަންވެސް 241 ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ އެއް ފޮނުއްވަން އަޅުގަނޑު މިހިރީ ގަސްތުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖެއިން ހުށައެޅިގޮތަށް، ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ކުރި ހުކުމުގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އަސްލަމް ވިދާޅުވީ ކޮމެޓީތައް އެކުލަވާނުލެވި އޮތީ ސިޔާސީ ޕާޓީތަކުން އެއްބަސްނުވެގެން ކަމަށް މަޖިލިސް ރައީސް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް ބަހާނުލެވި ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކީ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮންނަ ދުވަހެއް ކަމަށާއި މަޖިލީހުގެ ކޮމެޓީތަކުގައި މިހާރު ވެސް ވަރަށް މުހިންމު ހައްސާސް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"އެމްޑީޕީން މަޖިލީހުގައި މިވަގުތު ތަމްސީލް ކުރަނީ 64 ޕަސެންޓް. އެއީ މަޖިލީހުގެ ކޮމެޓީތަކުގެ 113 ސްލޮޓް. އެ 113 ސްލޮޓަށް އަޅުގަނޑުމެން މިތިބީ އެއްބަސްވެގެން. މަޖިލީހުގެ ގަވާއިދު ވަރަށް ސާފު. މަޖިލީހުގައި މެމްބަރުން ނިސްބަތްވާ މިންވަރަށް ކޮމްޕޮޒިޝަން ހަމަޖައްސައި، އެ ފާސް ކުރައްވަންޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީތަކުގައި ގިނަ ބިލްތަކެއްގެ މަސައްކަތާއި މިނިވަން މުވައްސަސާތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަށް ރުހުން ދިނުމުގެ މައްސަލަތަކާއި، ސަފީރުން އައްޔަން ކުރުންފަދަ މުހިންމު މަސައްކަތްތަކެއް ހުރި ނަމަވެސް، އެ މަސައްކަތްތައް ހުރީ މަޑުޖެހިފަ އެވެ.