ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ރައީސް ނަޝީދު އަންގަވާފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގެ ދަށުން އަޅުގަނޑަށް މި އިހުތިޔާރު ލިބޭކަމުގައި އަޅުގަނޑު ދެކެން،" އަމީން އާންމު ފާތިމަތު ނިޔުޝާއަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކުރަން އެމްޑީޕީންވަނީ އެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ނައިބު ރައީސުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެވިއްޖެ ނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ އެ މަޖިލީހުގެ ރައީސެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅިއްޖެ ނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ.