ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރި ވުމާގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދުކަނޑާލައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފެށުނު އިރު ރިޔާސަތުގައި އެއްވެސް ބޭފުޅަކުު ނެތެވެ. މަޖިލީހުގެ އަމީން އާންމު ވިދާޅުވީ ރައްޔިޔުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރެވިއްޖެނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ރައީސް ކަމަށެވެ.

އެހެންަކަމުން އިވާ އަބްދުﷲ ވަކުކުރުމުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް 12 ޖޫން 2023 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

އެހެންނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ގަރާރާމެދު ވަކިގޮތެއް ކަނޑައަޅާ ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަގާމުންވަކިކުރުމަށް އެޖެންޑާކުރާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް މަޖިލީހުގެ ރައީސް ސިޓީއަކުން ދަންނަވާފައިވާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.

"އެހެންކަމުން މިއަދުގެ މިޖަލްސާ ރިޔާސަތު ބެލެހެއްޓުމާގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް، މިވަގުތު މިޖަލްސާ ކުރިއަށް ގެނެދެވެން ނެތްވާހަކަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން" އަމީން އާންމު ވިދާޅުވި އެވެ.

އެހެންކަމުން މިއަދުގެ ޖަލްސާވަނީ މިވަގުތަށް މެދުކަނޑާލާފަ އެވެ.