އައްޑޫ ސިޓީގެ މަގުތަކުގައި އިންދުމަށް 300 ކަދުރު ރުއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލާފައިވާއިރު ރަޖިސްޓްރޭޝަނަށް 300 ރުފިޔާ ދައްކަން ޖެހޭ ކަމަށް ކައުންސިލުން ހާމަކުރެ އެވެ.

ކައުންސިލުން ބުނީ މި ބީލަން ހުޅުވާލާފައި ވަނީ ކުދި އަދި ފަންތީގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ބީލަމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 16،500 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.

އައްޑޫގެ ލިންކް ރޯޑުގައި ކަދުރު ރުއްތައް އިންދާއިރު، ލިންކް ރޯޑުގައި ހުރި ރުއްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ އެ މަގުގައި ހުރި 55 ރުއް މިދިޔަ އަހަރު ވަނީ ކަނޑާލައިފަ އެވެ.