އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އަލަށް އިމާރާތް ކުރުމަށް އިއުލާން ކޮށްފައިވާ ގެދޮރު އެޅުމުގެ މަޝްރޫއު ހުއްޓާލުމަށް އދ. އިން ގޮވައިލައިފި އެވެ.
އދ. ގެ ސެކްރެޓެރީ ޖެނެރަލް އެންޓާނިއޯ ގުޓްރަސް އާ ހަވާލާދީ އެ ޖަމާއަތުގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވި ގޮތުގައި އިޒްރޭލުން ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާ މަޝްރޫއަކީ ނުރައްކާތެރި މަޝްރޫއެކެވެ.
"ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތުގައި ހިފާފައިވާ ބިންތަކުގައި މީހުން އާބާދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް. އެއީ ޔޫއެން އިން ހޯދުމަށް ބޭނުންވާ ދެ ދައުލަތުގެ ސިޔާސަތަށް އެޅޭ މައިގަނޑު ހުރަހެއް. މިކަމުގެ ސަބަބުން ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭނެ،" އދ. ގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރަހާން ހައްގު ނެރުއްވި ބަޔާނެއްގައިވެ އެވެ.
އދ. ގެ ބަޔާނުގައި ވާގޮތުން ގާނޫނާ ޚިލާފަށް އިޒްރޭލުން ފަލަސްތީނުގެ ބިމުގައި މީހުން އާބާދުކުރަން ކުރާ ކޮންމެ މަސައްކަތެއްގެ ސަބަބުން އެ ހިސާބުގެ ސަލާމަތާ ނުރައްކަލަށް ހުރަސް އެޅި އިންސާނީ އެހީއަށް ބޭނުންވާ މިންވަރު އިތުރުވެ އެވެ.
އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަށް އިތުރު އެތައް ހާސް ގެއެއް އަޅާނެކަން އިއުލާންކޮށް، އެ މަޝްރޫއު ބާރަށް ކުރިޔަށް ގެންދިއުމަށްޓަކައި ބޭނުންވާ ގަވައިދުތައް ވެސް ހަދައިފަ އެވެ.