ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަންނަ ހޯމަ ދުވަހު މ. މުރައިދޫގެއިން ގ. ބޭރުވެލިއަށް ބަދަލުވާނެކަން ރައްޔިތުންގެ މަޖިލިހަށް އަންގަވައިފި އެވެ.
މަޖިލީސްގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް އެޑްރެސް ކުރައްވައި ރައީސް ނަޝީދުގެ ޗީފް އެގްޒެކެޓިވް އަހުމަދު މައުސޫމް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހަށް ހުށައެޅިފައިވާ ނަޝީދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައާ ގުޅިގެން ފޮނުވި ނޯޓިސްގެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ހުންނަވާ މ. މުރައިދޫގެ އިން ގ. ބޭރުވެލިއަށް ބަދަލުވާނެކަން ހާމަކުރައްވައި މިކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް އަންގަވައި ދެއްވުމަށް އަހުމަދު މައުސޫމު ވަނީ މަޖިލީހުގެ އަމީން އާންމުގެ ކިބައިން އެދިވަޑައިގެންފަ އެވެ
މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާ އެކު، އެމްޑީޕީން ރައީސް ނަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ އަށް ވަނަ ދުވަހު އެވެ. އަދި އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުއްވާފައި ވަނީ ޖޫން 12 ވަނަ ދުވަހު އެވެ.
ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުގެ ގަވާއިދުން ލާޒިމުކުރެ އެވެ.
ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ވަނީ ނޯޓިސް ހަމަވާ ދުވަހު މުރައިދޫ ގެއިން ނުކުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް ހަމަވާ ދުވަހު، މުރައިދޫ ގެއިން ނުކުންނާނަން، އަޅުގަނޑު މުރައިދޫ ގޭގައި ހުރުން އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާޙިތްވާ ކަމެއް ނޫން. ތިބޭފުޅުންނަށް އެގެ ފެނިވަޑައިގެންފައި ނެތުނީމަ އެގެ ހުންނަ ގޮތާއި އަނދިރިކަމާއި، ހުރިހާ ދިމާލަކުން ލައްޕާފައި ހުރި މިންވަރާއި، އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދެން ކެނެރީގެއަށް އަޅުގަނޑު ބަދަލު ވެވޭނެ ގޮތެއް ހޯދަން،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހު ދިން ނިރުބަވެރި ހަމަލާއަށް ފަހު އެވެ. އެ ހަމަލާގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ، އަމިއްލަ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭގަ އެވެ.