އިނގިރޭސިވިލާތުން ގެންގުޅޭ އަޅުވެތިކުރުމުގެ ސިޔާސަތަށް ނުރުހުން ފާޅުކުރައްވައި ފޯކްލޭންޑުގެ މިނިވަންކަމާ ބެހޭ މައްސަލާގައި އާޖެންޓީނާ އާއެކު މަޝްވަރާ ކުރުމަށް ޗައިނާއިން އިނގިރޭސި ވިލާތަށް ގޮވައިލައިފި އެވެ.
އދ. ގައި ހުންނަވާ ޗައިނާގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ގެންގެ ޝުއަންގް ދެއްވި ބަޔާނެއްގައި ވިދާޅުވީ ކޮލޮނިއަލް ޒަމާން ނިމުނު ކަމަށް ވިޔަސް، އެވިސްނުމުގައި ގައުމުތަކަށް ބާރު ފޯރުވުމުގެ ސިޔާސަތު އަދިވެސް ކުރިޔަށްދާ ކަމަށެވެ
އޭނާ ގޮވާއިލެއްވީ އިނގިރޭސިންގެ ބޮޑާކަން ދޫކޮށްލައި އާޖެންޓިނާ އާއެކު ފޯކްލޭންޑްގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަ ދައްކަން އަލުން ފަށަން ޖެހިއްޖެ ކަމަށެވެ.
އެ ޖަލްސާގައި ހުންނެވި އާޖެންޓިނާގެ ފޮރިން ރިލޭޝަން މިނިސްޓަރު ސަންޓިއާގޯ ކެފިއެރޯ ވެސް ވަނީ އޭނާގެ ވާހަކަފުޅުގައި ޗައިނާގެ ސްޓޭޓްމަންޓަށް އިޝާރާތް ކުރައްވާފަ އެވެ.
ޗައިނާގެ ހޫނު މި ބަހުގެ ހަމަލާގެ ސަބަބުން އިނގިރޭސި ވިލާތާއި އާޖެންޓީނާގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެ ދެ ގައުމުން ވަނީ ފޯކްލޭންޑުގެ މައްސަލާގައި 1982 ވަނަ އަހަރު ވަރުގަދަ ހަނގުރާމައެއް ކޮށްފަ އެވެ.
ޗައިނާގެ ވާހަކައިން ފޯކްލޭންޑުގެ މައްސަލާގައި ޗައިނާ ދެކޭގޮތް ވަރަށް ސާފުކޮށް އެނގެ އެވެ. އާޖެންޓީނާ އާއި އިނގިރޭސި ވިލާތުން ވާހަކަ ދެއްކުމަށް ފެށުމަށް ގޮވާލައްވައި ގެންގް ޝުއަންގް ވާހަކަ ދެއްކެވިއިރު، ފޯކްލޭންޑަށް އިޝާރާތްކުރެއްވީ އާޖެންޓީނާއިން އެ ރަށަށް ކިޔާނަން ކަމުގައިވާ މަލްވީނާސްގެ ނަމުންނެވެ.
"މަލްވީނާސް"ގެ ސުވާލަކީ ކޮލޮނައިޒޭޝަންގެ ބާރާ ބެހޭ ތާރީޚީ ސުވާލެއް،" ޝެންގެ ވިދާޅުވި އެވެ.
ޗައިނާގެ މިވާހަކަތައް އައިސްފައި ވަނީ އެ ގައުމުން ޓައިވާން ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރާ ކަމަށް އިނގިރޭސި ވިލާތާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ދުވަސްވަރެއްގަ އެވެ.
ދާދި ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާއަށް ޒިޔާރަތްކުރެއްވުމަށް ފަހު ލަންޑަނަށް ވަޑައިގެން އިނގިރޭސި ޚާރިޖީ ވަޒީރާއެކު ދެއްވި ނޫސް ކޮންފަރެއްންސެއްގައި އިނގިރޭސި ޚާރިޖީ ވަޒީރު ވަނީ ޗައިނާއަށް ވަޑައިގެންނެވުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.
އާޖެންޓީނާ އިން އަންނަނީ ފޯކްލޭންޑު އައިލޭންޑާއި ސައުތު އެޓްލާންޓިކް ކަނޑުގައި އިނގިރޭސިންގެ އާދަޔާ ޚިލާފު ހަނގުރާމަ މަތީ ހަރަކާތްތައް ހިންގާ ކަމަށް ތުހުމަތުކޮށް ޝަކުވާކުރަމުންނެވެ.