ކުރިއަށް މިއޮތީ މުނިފޫހިފިލުވައި، ބޯހަމަޖައްސާލަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. މާދަމާއަކީ މިއަހަރު އީދު ދުވަހެވެ. އެއާއެކު މިއަންނަނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އެވެ.
އީދު ބަންދަށް މާލެއިން ގިނަ ބަޔަކު މިއަދުވެސް ފުރައިފި އެވެ. މާލެ ގާތްގަނޑަކަށް ފަޅުކޮށްފަ އެވެ. މިއަހަރު އެންމެ ފޯރި ގަދަވާނެ ރަށްރަށަށް މީހުން ގޮސް ފުރީ އެވެ. މާލޭގައި ތިބީ އަހަރެމެން ކަހަލަ މަދު ބަޔެކެވެ.
މި ބޮޑު އީދުގައި އެންމެ ފޯރި ގަދަ ވާނީ އއ. ތޮއްޑުގަ އެވެ. ބޮޑު އީދަށް ގިނަ ބަޔަކު ތޮއްޑުއަށް އަރައި ރަށް ވަނީ ފުރާލައިފަ އެވެ. ހަމަ އެއާއެކު އީދަށް ތޮއްޑޫ ވެސް ވަނީ ފުރިހަމަ އަށް ތައްޔާރުވެފަ އެވެ.
ތޮއްޑުގައި ބޮޑު އީދު ފާހަގަ ކުރަން ނިންމާފައި ވަނީ ބޮޑު ފެސްޓިވަލެއްގެ ގޮތުގަ އެވެ.
ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ބޮޑު އީދުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ރަވާފައިވާ ކަމަށެވެ.
އީދު ހަރަކާތްތައް ތޮއްޑުގައި ފަށަނީ މިރޭ އެރަށުގައި ބަޑި ރޯކުރުމާ އެކު އެވެ. އެހާ ހިސާބުން އީދު ކުޅިވަރުތައް ފެށުނީ އެވެ.
އީދު ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަތުމަށް ނިންމަވާފައި ވަނީ ތޮއްޑު އަށެވެ. އެހެންވެ ތޮއްޑުގައި ތައްޔާރީތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
އީދު ހަރަކާތްތައް ރަސްމީކޮށް މިރޭ ފެށޭނީ ބަޑި ރޯކުރުމާއި ވެދުމާ ދިއުމުންނެވެ. އެހެން ނަމަވެސް މާދަމާ އީދު ނަމާދަށް ފަހު ރަށުގެ ރައްޔިތުންނާއި ރަށަށް އަރާ ތިބި މެހުމާނުންނާއި އެންމެން އެކުގައި ހެނދުނުގެ ނާސްތާ އޮންނާނެ އެވެ.
އެއަށްފަހު ރަށުތެރޭ ފެންކުޅިގެ ކަންތައްތައް ފެށިގެންދާނެ އެވެ.
އީދުގެ ބައެއް ހަރަކާތްތަކަށް ބަލާލާއިރު މިރޭ އޮންނާނީ ވެދުމާ ދިއުމެވެ.
އީދު ދުވަހުގެ ހަރަކާތްތައް:
- ހެނދުނު އީދު ނަމާދު
- އީދު ނަމާދަށް ފަހު ރައްޔިތުން އެކުގައި ހެނދުނުގެ ސައި
- އުލްހިޔާ ކަތިލުން
- މެންދުރު ރައީސް ސޯލިހުއަށް އަރުވާ ފަރިއްކޮޅު
- އީދު ދުވަހުގެ ހަވީރު މާލި ޕެރޭޑާއި ބޮޑުމަސް ނެރުން
- ރޭގަނޑު ސްޓޭޖް ޝޯ އާއި ހަވާ އެރުވުމާއި ލައިޓް ޝޯ އެއް
ތޮއްޑު ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "ހުރިހާ" އަށް ވިދާޅުވީ އީދު ފާހަގަ ކުރުމަށް ތޮއްޑޫ ފުރިހަމަ އަށް ތައްޔާރަށް އޮތް ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން ބަނދަރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކަމަށް ކަރަމް ވިދާލުވި އެވެ. އަދި މާދަމާގެ އީދު ނަމަދަށް ތައްޔާރުވުމާއި އީދުގައި ހުރި ޕްރޮގްރާމްތަކަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ކަރަމް ވިދާޅުވި އެވެ.
ކަރަމް ވިދޅާުވީ މި އީދަކީ ވަރަށް ފޯރި ގަދަ އީދަކަށް ވެގެން ދާނެ ކަމަށެވެ.
އީދަށް ތޮއްޑު އަށް ދާން ބޭނުންވާ މީހުންނަށާއި އީދު ޝޯ ބެލުމަށާއި ހަވާ އެރުވުމުގެ ހަރަކާތްތައް ބެލުމަށް ދާން ބޭނުންވާ މީހުންނަށް އެ އިންތިޒަމްތައް ވަނީ ފަސޭހަކަމައެކު ހަމަޖެހިފަ އެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްކޮޅެއް ނަމަވެސް އީދު ޗުއްޓީއަށް އަލިވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މިދުވަސްވަރު ދަތުރު ކުރުމުގައި ސަމާލުވުމަށް ވެސް އެމްއެންޑީއެފް ކޯސްޓުގާޑުން އިލްތިމާސް ކުރެ އެވެ.