ފޮތް ކިޔުމަކީ މިހާރަކަށް އައިސް އާއްމު އާދަ އެކެވެ. ހޮބާ އެއްގެ ގޮތުގައި ފޮތް ކިޔާ މީހުންގެ އަދަދު އަހަރުމެންގެ ތެރޭގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަ އިރު އެފަދަ މީހުންނަށް އޮތް އުފާވެރި ހަބަރެއް އެބަ އޮތެވެ. ދިރާސާއަކުން ދައްކާ ގޮތުގައި އާދައިގެ މަތިން ފޮތް ކިޔާ މީހުންގެ އުމުރު އެނޫން މީހުންނަށް ވުރެ ދިގެވެ.

ޔޭލް ޔުނިވާސިޓީއިން 12 އަހަރު ވަންދެން ހެދި ދިރާސާ އަކުން އެނގޭ ގޮތުގައި ފޮތް ކިޔާ މީހުންގެ އުމުރު ފޮތް ކިޔުން މަދު މީހުންނަށް ވުރެ 20 ޕަސެންޓް އިތުރެވެ.

މިއީ 3635 މީހުންގެ މެދުގައި ކުރެވުނު ދިރާސާއެކެވެ. މި މީހުންވަނީ ތިން ގުރޫޕަކަށް ބަހާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުސް 50 އަހަރުން މަތީގެ މީހުންނެވެ. ބަހާލާފައިވާ ތިން ގުރޫޕަކީ ހަފްތާ އަކު 3.5 ގަޑި އިރު ފޮތް ކިޔާ މީހުންނާއި މިއަށް ވުރެން ގިނައިން ފޮތް ކިޔާ މީހުންނާއި އަދި އެއްގޮތަކަށްވެސް ފޮތް ނުކިޔާ މީހުންނެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ފޮތް ނުކިޔާ މީހުންނަށް ވުރެން ފޮތް ކިޔާ މީހުންގެ އުމުރު 2 އަހަރު ދިގެވެ.

ތައުލީމީ ފެންވަރާއި އާމަދަނީ އަދި ސިއްހަތަށް ބަލާއިރު ހަފްތާއަކު 3.5 ގަޑި އިރަށް ވުރެން ގިނައިންް ފޮތް ކީ މީހުންނަށް ނުރައްކާތެރި ބައްޔެއް ޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު 23 ޕަސެންޓް ދަށެވެ. ކޮންމެ ދުވަހަކު ބައި ގަޑި އިރު ފޮތް ކިޔާ މީހުން ނުވަތަ ހަފްތާ އަކު 3.5 ގަޑި އިރު ފޮތް ކިޔާ މީހުން އުޅެނީ 17 ޕަސެންޓުގައެވެ.

އެހެން ނަމަވެސް މި ދިރާ ސާގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ ފޮތް ކިޔައިގެން އުމުރު ދިގުވުމުގެ ފުރުސަތު އެންމެ ބޮޑީ މައުލޫމާތު ދެނިވި ފޮތްތައް ކިޔާ ނަމަ އެވެ.