އިޒްރޭލުން ފަލަސްތީނުގެ ޖެނީން ރެފިއުޖީ ކޭމްޕްތަކަށް ދިން ހަމަލާ އދ. އިން ކުށްވެރިކުރި ކުރުން އަނބުރާ ގެންދިއުމަށް އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ގޮވައިލައްވައިފި އެވެ. އެހެން ނަމަވެސް ޔޫއެންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ނިންމެވުން ބަދަލެއް ނުވާނެ އެވެ.

ސެކްރެޓެރީ ޖެނެރަލްގެ ނުރުހުން އިޒުރޭލަށް އަމާޒުވީ އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ޖެނީންގެ ރެފިއުޖީ ކޭމްޕްތަކަށް ހަމަދީ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ 12 މީހުން މަރުވުމާ ގުޅިގެންނެވެ.

އެ ހަމަލާތަކުގައި ސްކޫލް ތަކާއި ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ފެނާއި ނަރުދަމާގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. ހަމަ އެފަދައިން ހަމަލާގައި ޒަޚަމްވެ އަނިޔާވި މީހުންނަށް އެހީވެވޭނެ މަގު ވެސް އިޒްރޭލުން ފަހިކޮށްނުދޭ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ސެކެރެޓެރީ ޖެނެރަލް ކުރިން ވިދާޅުވެފައި ވަނީ އާންމުންނާ ދެކޮޅަށް އާދަޔާ ޚިލާފު ބާރު ބޭނުންކުރުމާއި ހުރިހާ ބާވަތެއްގެ ޓެރަރިސްޓް ހަރަކާތެއް އދ. އިން ކުށްވެރިކުރާ ކަމަށެވެ. އެ ކުށްވެރިކުރުމުގައި އިޒްރޭލް ހިމެނޭތޯ ސުވާލުކުރުމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ހުރިހާ ބާވަތެއްގެ ނޭކަށޭނަ ބާރު ކުށްވެރި ކުރައްވާ ކަމަށާއި މިހާލަތުގައި އިޒްރޭލުން އާންމުންނާ ދެކޮޅަށް ބޭނުންކޮށްފައި ވަނީ އެފަދަ ބާރު ކަމަށެވެ.

އިޒްރޭލްގެ އެމްސެޑަރު ވިދާޅުވީ ސެކެރެޓެރީ ޖެނެރަލްގެ ވާހަކަފުޅަކީ ޔޫއެން ލަދުގަންނަން ޖެހޭ ފަދަ ވާހަފުޅެއް ކަމަށެވެ. އަދި އެވާހަކަފުޅަކީ ހަގީގަތާ މުޅިން ޚިލާފު ވަކިކޮޅަކަށް ޖެހިފައިވާ ވާހަކަފުޅެއް ކަމަށެވެ.

އިޒްރޭލުގެ އެމްބެސެޑަރު ވިދާޅުވި ގޮތުގައި އިޒްރޭލުން ޖެނީންގައި ހިންގި މިލިޓަރީ ހަރަކާތަކީ އިޒްރޭލްގެ ކުށެއް ނެތް އާންމުންނަށް ހަމަލަ ދޭ ފަލަސަތީނުގެ ޓެރަރިސްޓުންނާ ދެކޮޅަށް ހިންގި ހަރަކާތެކެވެ.