ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވައިފި އެވެ. ދެބޭފުޅުންގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސްވިޑްން އިން ނޭޓޯގެ މެންބަރަކަށް ވުމަށް އެދިފައިވާ އެދުމާ ބެހޭގޮތުންނެވެ.
މި ފޯނު ކޯލުގައި އުރުދުޣާން ބައިޑަންއަށް ދެންނެވި ކަމަށް ވަނީ ނޭޓޯގެ މެނަބަރަކަށްވުމަށް ސްވިޑްން އިން ރަނގަޅު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ޓެރަރިޒަމާ ދެކޮޅު ގާނޫނެއް ފާސްކުރުމަކީ ތުރުކީން ހިތްހަމަޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެހެން ނަމަވެސް އެ ނެގި ފިޔަވަޅުތަކުގެ ފައިދާއެއް ނެތް ކަމަށް ވެސް އުރުދުޣާން ވިދާޅު ވިއެވެ. ސަބަބަކީ ތުރުކީގައި ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ކުރުދިސް ވޯކާސް ޕާޓީގެ ސަޕޯޓަރުން ތުރުކީއާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ ކުރުމަށް ސްވިޑަނުން މަގުފަހިކޮށްދިނުމެވެ.
"ދެ ލީޑަރުން ވަނީ ވިލްނީއަސް (ލިތުއޭނިއާގެ ވެރިރަށް) ގައި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުންތަކާއި ނޭޓޯގެ މައަސަލަތަކުގައި ވާހަކަ ދައްކަވަން އެއްބަސްވެފައި،" ތުރުކީގެ ފޮރިން މިނިސްޓރީގެ ބަޔާނެއްގައި ބުންޏެވެ.
ސްވިޑްން އާއި ތުރުކީގެ ފޮރިން މިނިސްޓަރުންގެ މެދުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ނޭޓޯގެ މެންބަޝިޕާ ބެހޭގޮތުން ސްވިޑަނަށް ތުރުކީގެ ރުހުން ހޯދޭ ގޮތެއް ނުވި އެވެ.
ނޭޓޯގެ ސެކްރެޓެރީ ޖެނެރަލް ވިދާޅުވި ގޮތުގައި ތުރުކީގެ ރައީސާއި ސްވިޑްންގެ ބޮޑުވަޒީރު ވިލްނީއަސްގައި ބައްދަލުކުރައްވާނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.
ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑްން ހުށަހަޅާފައިވާ ހުށަހެޅުން ކާމިޔާބުވުމަށް އެ ޖަމާއަތުގެ ހުރިހާ މެންބަރު ގައުމަކުން ތާއީދުކުރަން ޖެހެ އެވެ.