މާލެ ސިޓީ ރައްޔިތުންގެ މިއަހަރުގެ ދެ ވަނަ ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ. ގާނޫނުގައި ބަޔާންކުރާ އަހަރަކު ބާއްވަންޖެހޭ ދެ ބައްދަލުވުމުގެ ތެރެއިން ދެވަނަ ބައްދަލުވުން ބާއްވާނެ ތާރީހު ކަނޑައެޅުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފަ އެވެ. އަދި މި ތާރީހުގައި ޖަލްސާ ބޭއްވުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ގާނޫނީ އިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމެވި ކަމުގައިވިޔަސް ކައުންސިލް ގެ މަގްސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމެވެ.

މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުއިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

ލާމަރުކަޒީ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.