ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް އަޣުލަބިއްޔަތު ލިބުނު މ. އަތޮޅުގެ އަޣުލަބިއްޔަތު މި ފަހަރުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރަށް ފަހު މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މ. އަތޮޅުގައި މި ސަރުކާރުން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުތައް ފެނިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މ. އަތޮޅުން ރައީސް ޔާމީން މެޖޯރިޓީ ހޯދި ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި މެޖޯރިޓީ ލިބިގެންދާނީ ރައީސް ސޯލިހަށް ކަމަށެވެ.

މ. އަތޮޅުގެ ރަށްތަކުގައި އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން މަހްލޫފް ވަނީ މ. އަތޮޅު ވޭވަށް، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި، ދިއްގަރު، ރަތްމަންދޫ އަދި މަޑުއްވަރީއަށް ވަޑައިގެންފަ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނީ ފ. އަތޮޅާއި މ. އަތޮޅުން އެކަންޏެވެ. އެހެން ހުރިހާ އަތޮޅަކުން އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދައިފަ އެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެކަމަށް ކުރިމަތިލާން މި މަހުގެ 23 ގައި ހުޅުވާލާނެ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.