ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބޮލަކަށް 3،500 ރުފިޔާގެ މަގުން ޖުމްލަ 26.7 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ބަހައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިމިގެންދިޔަ 1444 ވަނަ އަހަރު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 7657 މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެގޮތުން ބޮލަކަށް 3500 ރުފިޔާގެ މަގުން ޖުމްލަ 26.7 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި އެފަރާތްތަކުގެ އެކައުންޓްތަކަށް އަންގާރަ ދުވަހު ޖަމާކޮށްދެއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލުގެނެސްފައި ވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގަ އެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސަބުގެ އަދަދަކީ 7،312.55 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ މާކެޓުގައި ރަނާއި ރިހި ގަނެވިއްކާ އަގުތަކަށް ބަލައިގެންނެވެ. އެ އަގުތައް ހިސާބު ކުރަނީ މޯލްޑިވްސް މަނެޓަރީ އޮތޯރިޓީންނެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.