މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުން ހައްޔަރުކުރި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން މިއަދު ފުލުހުގެ އިދާރާއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.

ޖުމްހޫރީ މައިދާނުގައި ތިއްބެވި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.

އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނަށް ވެދެވަޑައިގެން އިށީނދެވަޑައިގެންނެވީ އިދިކޮޅު ޕާޓީގެ ލީޑަރު ރައީސް ޔާމީން އިންސާފުވެރި ޝަރީއަތެއް ހޯދުމާއި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ކަމަށް ބުނެ އެވެ.

މާފަންނު ޕޮލިސް ސްޓޭޝަނަށް މި ފަސް ބޭފުޅުން މިއަދު އެކި ވަގުތުތަކުގައި ހާޒިރުވާން އަންގާ މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ.

  • މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު - ހެނދުނު 10:00
  • ޕީއެންސީގެ ނައިބު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް - ހެނދުނު 11:00
  • ޕީއެންސީގެ ނައިބު، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު - މެންދުރު 12:00
  • ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - މެންދުރު 1:00
  • ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު - ހަވީރު 4:00

ޖުމްހޫރީ މައިދާން ސަރަހައްދަކީ ގްރީން ޒޯން އެކެވެ. ގްރީން ޒޯންއަކީ އެއްވުން މަނާ ސަރަހައްދެކެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މިހުކުމާއި ގުޅިގެން ރައީސް ޔާމީނަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެފަ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމަށް ފަހު އެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާކޮށް އޭގެ ޝަރީއަތް ދަށު ކޯޓުގައި އެބަ ދެ އެވެ.

ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ވެއްދެވި އެވެ. ނަމަވެސް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. އެ މައްސަލަ ފަނޑިޔާރުންގެ މަޖިލިހަށް އިސްތިއުނާފު ކުރުމާ މެދު ވަކީލުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.