ސްކައުޓާއި ގާލް ގައިޑް ކުދިން ކޭމްޕު ދާނެ ރަށެއް މިދައުރު ނިމުމުގެ ކުރިން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ވަފުދާ ސޯޝަލް ސެންޓަރުގައި ބައްދަލުކުރައްވާ ރައީސް ސޯލިހު މިއަދު ވިދާޅުވީ ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން، މި ދައުރުގެ ކުރީކޮޅުގައި ވަރަށް ގިނަ ކަންކަން ހައްލުކޮށްދޭން އެދުނު ކަމަށާއި އެހެން ނަމަވެސް އެކަންތައްތައް ހައްލުކޮށްދެވިފައިނުވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ.

"މިއަދު ވެސް އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ތިބޭފުޅުންނަށް ކޭމްޕު ދާނެ ރަށެއް، ހާއްސަކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ވަފުދާ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖަމްބޮރީގައި އުޅޭއިރު، އެ ގައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ. އަދި ޖަމްބޮރީގެ ގަވާއިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ތަޖުރިބާ ކުރަން ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމުގައި ވިދާޅުވަމުން، ރައީސް ވަނީ ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރު އަލީ ޝަފާޢަތު މަނިކަށް ތަހުނިޔާ ދަންނަވާފަ އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރު ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު މުޙައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސް ސޯލިހު އެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.