މި ދުވަސްވަރަކީ ރާއްޖޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރު ވަމުން އަންނަ ދުވަސްވަރެކެވެ. ކޮންމެ އަހަރެއްގެ ވެސް ޗުއްޓީއާ ދިމާކޮށް މިފަދަ ބަލިތައް އިތުރުވާއިރު މި މޫސުމުގައި ބައެއް ކަންކަމަށް ސަމާލުވުން ވަރަށް މުހިއްމެވެ.

އެގޮތުން އެންމެ މުހިއްމު ކަމަކަށް ކުޑަކުދިން ހޮޑުލައި ބޭރަށް ހިންގާނަމަ އެ ކުދިންނަށް ކިރުގެ ބާވަތްތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ސަބަބަކީ ކިރުގެ ބާވަތްތަކަކީ ބަނޑު ދިޔާ ކޮށްދީ ބޮޑުކަމުދިޔުމަށް މަގުފަހިކޮށްދޭ ބާވަތްތަކަށް ވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މީގެ އިތުރުން ވެސް އެ ބޭފުޅުން ވަނީ ހޮޑުލެވި ގައިން ވަރުދެރަވާނަމަ އޯއާރްއެސް ލޮނު ޕެކެޓް ދިނުމާއި ގިނަގިނައިން ފެން ބުއިމަށް ސަމާލުކަން ދޭން ޖެހޭނެ ކަަމަށް ބުނެފަ އެވެ.

ހޮޑުލެވި ބޭރަށް ހިންގުމަކީ ހަށިގަނޑުން ގިނަ އަދަދެއްގެ ފެން ބޭރުވާން މަގުފަހިވާ ކަމެއް ކަމަށާއި އެހެން ކަމުން ގިނަ ދިޔާ އެއްޗެހި ދީގެން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.