ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން މަޝްހޫރުކަން ހޯދާފައިވާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމް "ހާޓް އޮފް ސްޓޯން" އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރާނެ އެވެ.

ހޮލީވުޑްގެ މަގުބޫލު ފަންނާނުން ކަމަށްވާ ގެލް ގެޑޮޓްއާއި ޖޭމީ ޑޯނަން ފަދަ ތަރިން ވެސް ހަރަކާތްތެރިވާ އެ ފިލްމުގައި އާލިއާ ފެނިގެންދާނީ ސަޕޯޓިން ރޯލަކުންނެވެ.

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ ކެރިއަރެއްގެ ފުރަތަމަ ފިލްމަކީ ވަރަށް މުހިއްމު ފިލްމެއް ކަމަށާއި އޭނާގެ ހޮލީވުޑް ކެރިއަރުގެ ފެށުމަށް މި ފިލްމު ލިބުނީތީ އުފާކުރާ ކަމަށެވެ.

ހާޓް އޮފް ސްޓޯންއަކީ ސްޕްއި ތްރިލާ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އާލިއާގެ ފަރާތުން ވެސް އެކްޝަން މަންޒަރުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު އާލިއާ އޭނާގެ އަލަތު ދަރިފުޅަށް ބަނޑުބޮޑު ކަމުން ފިލްމުގެ ބައެއް މަންޒަރުތައް އޭނާ ކުޅެފައިވަނީ ސްޓަންޓް ޑަބަލްއެއްގެ އެހީގަ އެވެ.

ކުރިއަށް އޮތް ތަނުގައި ހޮލީވުޑް ފިލްމުތަކުން ފެނިގެން ގޮސްދާނެތޯ ސުވާލު ކުރެވުމުން އާލިއާ ބުނީ ހޮލީވުޑް ކެރިއަރެއް ބިނާ ކުރެވޭނީ ވަރަށް ހިތްވަރު ހުރެގެން ކަމަށާއި މިވަގުތު އޭނާ ބޭނުމީ ބޮލީވުޑްގައި މަސައްކަތް ކުރަން ކަމަށެވެ.