ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ނެޓްފްލިކްސްގައި ރިލީޒް ކޮށްފައިވާއިރު އެ ފިލްމަކީ "ފްލޮޕް"އެއް ކަމުގައި ގިނަ ބަޔަކު ބުނަން ފަށައިފި އެވެ.

ގަލް ގަޑޮޓް ޕްރޮޑިއުސްކޮށް އެކްޓްކުރާ އެ ފިލުމުގައި ސަޕޯޓިން ރޯލަކުން އާލިއާ ފެނިގެންދާއިރު އެއީ ހޮލީވުޑަށް ނުކުންނަން އާލިއާ ބޭނުންވެފައި ހުރި މިންވަރުން ނިންމި ގޯސް ނިންމުމެއް ކަމަށް އެ މީހުން ބުނެ އެވެ.

އެގޮތުން އެ ފިލްމުގެ ވާހަކައާއި ސިނަމެޓޮގްރަފީގެ އިތުރުން އެކްޓަރުންގެ އެކްޓިންއަށް ވެސް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

މި ފިލްމާ ބެހޭގޮތުން އާލިއާ ބުނެފައިވަނީ އެ ފިލްމަށް އެއްބަސްވީ ހޮލީވުޑަށް ނުކުތުމުގެ މަގުސަދުގައި ނޫން ކަމަށާއި އެހެން ނަމަވެސް ފިލްމުގެ ވާހަކައާއި ސްކްރިޕްޓް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ.

"ހާޓް އޮފް ސްޓޯން"ގައި އާލިއާ ދައްކުވައިދީފައިވާ އެކްޓިންއާ ބެހޭގޮތުން ރެޑިޓްގައި ތްރެޑެއް ހުޅުވާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ތްރެޑަށް ކޮމެންޓް ކުރަމުންނެވެ.

ބޮލީވުޑްގެ ބައެއް ފަންނާނުން މީގެ ކުރިން ވަނީ ކާމިޔާބު ކަމާއެކު ހޮލީވުޑަށް ނުކުމެފަ އެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާއާއި ދީޕިކާ ޕަދުކޯން ހިމެނެ އެވެ.